ބޮޑު އުއްމީދަކާ އެކު ރަނޭ ވޮލީގެ ރައީސަކަށް ކުރިމަތިލަނީ
ބޮޑު އުއްމީދަކާ އެކު ރަނޭ ވޮލީގެ ރައީސަކަށް ކުރިމަތިލަނީ

އެންމެ ފަހުން ބޭއްވި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބުގައި 2016 ވަނަ އަހަރު އެ އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވެވަޑައިގަތް މުހައްމަދު ލަތީފްގެ ޓީމުގައި މުހައްމަދު ރަނޭޝް (ރަނޭ) އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ހަޒާންދާރެއްގެ ގޮތުގަ އެވެ. އެކަމަކު ފަހުން ސީނިއާ ނައިބު ރައީސަކަށް ރަނޭ ހަމަޖެއްސިއިރު، އެ މަގާމުގައި ހުރެ ގިނަ މަސައްކަތްތަކެއް ކުރައްވަން އަމާޒުހިފި ނަމަވެސް އެ މާހައުލެއް ނެތުމުން އެންމެ ފަހުން 2018 ވަނަ އަހަރު މަގާމުން އިސްތިއުފާދިނުމަށް ފަހު ލަތީފްގެ ލީޑަޝިޕާ ދުރަށް ދިޔައީ އެވެ.

ބޮޑު އުއްމީދަކާ އެކު ރަނޭ ވޮލީގެ ރައީސަކަށް ކުރިމަތިލަނީ
ބޮޑު އުއްމީދަކާ އެކު ރަނޭ ވޮލީގެ ރައީސަކަށް ކުރިމަތިލަނީ

ސީނިއާ ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރު، ވޮލީގެ ކުރިއެރުމަށް ވިސްނައި ތަފާތު ގިނަ ޕްލޭންތަކެއް ހަދައި އެ ޕްލޭންތައް ކަރުދާހާ ހަމައަށް ގެނެސް އެކި ގޮތްގޮތުން ވީއޭއެމްގައި ރަނޭ ބޭނުންވޭ ކަންތައްތައް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތެއް ކުރެއްވި އެވެ. އެކަމަކު ޕްލޭން ކުރި ކަންތައްތައް އެއްވެސް ކޮޅެއްގައި ޖެހޭގޮތެއްނުވުމުން އޭނާ ސީނިއާ ނައިބު ރައީސްގެ މަގާމުން 2018 ވަނަ އަހަރުގެ މާޗް މަހު އިސްތިއުފާ ދެއްވި އެވެ. އެކަމަކު އެ ފަހުން ވެސް އަމިއްލަ ހައިސިއްޔަތުން ވޮލީގެ އެކި މަސައްކަތްތަކުގައި ރަނޭ ހަރަކާތްތެރިކޮށް އުޅުއްވި އެވެ.

ބޮޑު އުއްމީދަކާ އެކު ރަނޭ ވޮލީގެ ރައީސަކަށް ކުރިމަތިލަނީ
ބޮޑު އުއްމީދަކާ އެކު ރަނޭ ވޮލީގެ ރައީސަކަށް ކުރިމަތިލަނީ

ރަނޭ "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ވީއޭއެމްގެ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އަައި ހިސާބުން އެ މަސައްކަތުގައި ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ކުރީގެ ކުޅުންތެރިންނާއި ވޮލީ ކޮމިއުނިޓީގެ ގިނަ ބަޔެއްގެ ތާއީދު އޭނާ އަށް އޮތުން ކަމަށެވެ. އެހެންވެ އަންނަ މަހު އެއް ވަނަ ދުވަހު ބާއްވާ ވީއޭއެމްގެ އިންތިހާބުގައި ވާދަކުރަން ރަނޭ ނިންމެވީ އެވެ.

"ވީއޭއެމްގެ ރައީސްކަމަށް ވާދަކުރަން އިންޓްރެސްޓް (ޝައުގުވެރިކަން) 2019 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން އުފެދިއްޖެ. އޭގެ ފަހުން އެކި ގޮތްގޮތުން މި މަސައްކަތްތަކުގައި މި އުޅެނީ. ހަގީގަތުގައި އަބަދުވެސް ވޮލީގެ ކޮންމެވެސް މަސައްކަތެއްގައި ޝާމިލުވެ އުޅެން،" ވޮލީގެ ރައީސްކަމަށް ޝައުގުވެރިކަން އުފެދުނު ގޮތާ ބެހޭގޮތުން ރަނޭ ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރާ ރަނޭގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްރެރިވާނީ 1979 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އަައިއޯއައިޖީ)ގައި ބައިވެރިވި ވޮލީ ޓީމުގެ މެމްބަރުންނާއި ވޮލީގެ ފަންނީ އެހެން ބޭފުޅުން ކަމަށް ރަނޭ ވިދާޅުވި އެވެ.

އޭގެ ތެރޭގައި އޭރުގެ ކުޅުންތެރިޔާ ފަހުން ގައުމީ ޓީމުގެ މެނޭޖަރަކަށް ވެސް މަސައްކަތްކުރި މުހައްމަދު ރާމިޒް (ރާމްބެ) ހިމެނެ އެވެ. ރަނޭއާ އެކު ރާމްބެ އިންތިހާބުގައި ނުކުންނާނީ ނައިބު ރައީސެއްގެ ގޮތުގަ އެވެ. ދެން ޓީމުގައި ހިމެނޭ އަނެއް މެމްބަރުންގެ ތެރޭގައި ގައުމީ ވޮލީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ދާދި ފަހުން ވެސް މަސައްކަތްކުރި އަަޝްރަފު އަލީ (އަޝްރާ) އާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ނަދީމް (ނަދީމްބެ) ހިމެނެ އެވެ.

"ވަރަށް ޒިންމާދާރު ހިންގުންތެރި ވޮލީގެ ޓީމެއް އަޅުގަނޑު ފަހަތުގައި އެ އޮތީ. ރާމްބެ އާއި އަޝްރަފް އަކީ މެނޭޖަރުންގެ ގޮތުގައި ވޮލީގެ ގައުމީ ޓީމުތަކާއި ކްލަބް ލެވަލްގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދެ ފަރާތް. ރާމްބެ އަކީ ކުރިން ގިނަ ޓީމުތަކެއްގައި މެނޭޖަރެއްގެ މަސައްކަތް ކޮށްފައިވާ ފަރާތެއް. ދެން އަޝްރަފް އަކީ ވަރަށް ފަހުން ވެސް ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އިސް މަސައްކަތްތަކެއް ކުރެއްވި ފަރާތެއް. ދެން ނަދީމްބެ އަކީ މޮޅަށް ކުޅެ ޓެކްނިކަލީ ބެލިޔަސް ވޮލީ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ފަރާތެއް،" ރަނޭ ވިދާޅުވި އެވެ.

ރަނޭ ވިދާޅުވީ އޭނާގެ ޓީމުގައި ތިބި މީހުންނަކީ އަމިއްލަ ހައިސިއްޔަތުންނާއި އެކި ގޮތްގޮތުން ވޮލީބޯޅައިގެ ތަރައްގީ އަށް ގިނަގުނަ މަސައްކަތްތަކެއް ކުރިން ވެސް އަދި މިހާރު ވެސް ކޮށްދެމުން އަންނަ ބައެއް ކަމަށެވެ.

ފާއިތުވި 18 ވަރަކަށް މަސް ދުވަހަކީ ރާއްޖޭގެ ވޮލީ އެސޯސިއޭޝަން ހިންގުމުގައި ހައްލެއް ނުލިބި އެކި މައްސަލަތަކުގެ ތެރޭގައި ގަދަ ކަނޑެއްގައި ދިވެހި ވޮލީ އޮތް ދުވަސްތަކެކެވެ. ވޮލީ މައްސަލައިގައި ކަންތައްތައް ނުނިމި ދިގުލައި ގޮސް އެންމެ ފަހުން މި ކަންތައްތަކަށް ހައްލެއް ލިބިގެންދިޔައީ ދުނިޔޭގެ ވޮލީ ފެޑެރޭޝަން، އެފްއައިވީބީ މީގެ ތެރެއަށް ވަދެ ހާއްސަ އެޑްހޮކް ކޮމިޓީއެއް މެދުވެރިކޮށް މައުލޫމާތުތައް ހޯދައިގެން ގެނައި ބަދަލުތަކެއްގެ ސަބަބުންނެވެ.

ވޮލީ ކޮމިއުނިޓީގެ ގިނަ ބަޔަކު ދެކޭގޮތުގައި މިދިޔަ 18 މަސް ދުވަހަކީ ދިވެހި ވޮލީ އަށް ގެއްލިގެން ދިޔަ ދުވަސްތަކެކެވެ. އެކަމަކު އެ ވާހަކަތަކާ މުޅިން އެއްކޮށް އެއްބަސްނުވެވޭނެ ކަމަށް ރަނޭ ވިދާޅުވި އެވެ. ރަނޭ ވިދާޅުވީ މިއީ އެތައް ޒަމާނެއް ވަންދެން ހުރި މައްސަލަތަކެއް ހައްލުކޮށްގެން އަލުން ފަށައިގަންނަން ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ.

"ހަގީގަތުގައި މިއީ ދިވެހި ވޮލީ އަށް މުޅިން އެއްކޮށް ގެއްލިގެން ދިޔަ 18 މަސް ދުވަހޭ ނެތް ދެންނެވޭކަށް. އެއީ މި 18 މަސް ދުވަސް ދިމާނުވެ ކުރިން ހިންގި ގޮތަށް ވޮލީ ކުރިއަށްދިޔަނަމަ އަދިވެސް އޮންނާނީ ވަރަށް ގިނަ މައްސަކަތަކަށް ހައްލެއް ނުލިބި. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ވޮލީގެ ނަސީބެއް މިއީ ކޮވިޑް ކަހަލަ ޕެންޑަމިކެއްގެ ތެރޭގައި މި މައްސަލަތައް އައިސް ވޮލީ ހިންގުމުގައި މި ހުރި ގޮންޖެހުންތަކަށް އެފްއައިވީބީ މެދުވެރިކޮށް ހައްލެއް ލިބިގެން ދިއުން،" ރަނޭ ވިދާޅުވި އެވެ.

"އަޅުގަނޑު މިހެން ދެންނެވީ ހަގީގަތުގައި ދެން އަންނަ ބަޔަކަށް ނޯންނާނެ ދޯދިޔާކޮށް އެސޯސިއޭޝަން ހިންގުމުގެ ފުރުސަތެއް. ދެން އަންނަ ބަޔަކު ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު އެޑްމިނިސްޓްރޭޝަނުން ފެށިގެން އެންމެ އިސްކޮށް އެސޯސިއޭޝަން ހިންގުމުގައި ވެސް ފުރިހަމަ އަށް އޮންނަ އަސާސީ ގަވާއިދުގެ ތެރެއިން މެމްބަރުންގެ (ކްލަބްތަކުގެ) ތާއީދާ އެކީ ކުރިއަށްދާން،"

ރަނޭ ވިދާޅުވީ އޭނާގެ ވިސްނުމަކީ ކްލަބްތަކުގެ ދައުރު ވީއޭއެމްގެ ހިންގުމުގައި ކުރިއަށް ވުރެ ވަރުގަދަ ކުރުން ކަމަށާއި އޭނާގެ ލީޑަޝިޕްގެ ހިންގާ ކޮމިޓީ ބިނާކުރާނީ ވެސް ކްލަބްތަކުގެ ތެރެއިން ކަމަށެވެ. ކްލަބްތައް ފުދުންތެރި ބަޔަކަށް ހެދުން އެއީ ވަރަށް އިސްކޮށްކުރާނެ ކަމެއް ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ވޮލީގައި މިހާރު ތިބި ޒުވާން ގިނަ ކުޅުންތެރިންނަށް ބަލަދުވެރި ފަރާތެއް ހޯދައިދިނުމުގެ ވިސްނުމުގައި ކަން ރަނޭ ފާހަގަކުރެއްވި އެވެ.

"ވަރަށް ގިނަ ޒުވާން ވޮލީ ކުޅުންތެރިން އެބަތިބި. އެ ކުދިންނަށް ބޭނުންވަނީ ބަލަދުވެރި ފަރާތެއް. މި ބުނީ އެ ކުދިން ގޮވައިގެން އުޅޭނެ ރަނގަޅު ގިނަ ކްލަބްތަކެއް. އަޅުގަނޑުގެ ވިސްނުމަކީ ފުދުންތެރި ރަނގަޅަށް ހިނގާ ކްލަބްތަކެއްގެ ބެލުމުގެ ދަށުން މި ކުޅުންތެރިން ރަނގަޅަށް ޑިވެލޮޕްކުރުން،" ރަނޭ ވިދާޅުވި އެވެ. "ބޭނުންވަނީ ލޯކަލް ވޮލީ ފޯރިގަދަކުރުން. ގިނަ މެޗުތަކެއް ކުޅެގެން މި ކުޅުންތެރިން ކުރިއަރާނީ. ބިދޭސީ ކުޅުންތެރިންނާ އެކު ވެސް ވީހާ ގިނަ މެޗުތަކެއް ކުޅުން މުހިއްމު،"

ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ރަނޭ ވަނީ މި ސަރުކާރުން ވޮލީގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރަން ކުރާ މަސައްކަތްތަކުގައި ވީ އެންމެ ގިނަ ވަގުތު ބައިވެރިވަމުންނެވެ. އެ ގޮތުން މާލޭގައި އަޅާ އިންޑޯ ކޯޓާއި އައުޓް ޑޯ ކޯޓުތަކާއި އަތޮޅު ތެރޭގައި އަޅާ ކޯޓުތަކުގެ ޑިޒައިން ކުރުމާއި އެހެނިހެން ކަންކަމުގައި ވެސް ހަރަކާތްތެރިވި ކަމަށް ރަނޭ ވިދާޅުވި އެވެ.

ރަނޭ ވިދާޅުވީ ކުރިން ވީއޭއެމްގެ މަގާމުގައި ހުރެ އޭނާ އަށް ނުކުރެވިދިޔަ ކަންތައްތައް ކުރަން މިހާރު ލިބިފައި އޮތް ފަސޭހައަކީ ސަރުކާރުން ކުޅިވަރު ކުރިއަރުވަން ގެންގުޅޭ ތަސައްވުރުގެ ތެރެއިން ވޮލީ އަށް އޮތް ފުރުސަތުތައް ކަމަށެވެ. މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ވޮލީގެ ގިނަ އިންފްރާސްޓްރަކްޗާތަކެއް ބިނާކުރުމަށް މި ސަރުކާރުން އަމާޒުހިފާފައިވާއިރު، ރަނޭގެ އެންމެ ބޮޑު ޕްލޭންކަމަށްވާ އަތޮޅު ތެރޭގެ ވޮލީގެ ޕްރޮގްރާމްތައް ވެސް އޭގެ ތެރެއިން ހިނގާނެ ކަމަށް ރަނޭ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއްގެ އަމާޒުގައި ރައީސަކަށް ކުރިމަތިލާން ނިންމީ. މިހާރު ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ދެން ބޭނުންވަނީ ރައީސްކަމަށް ކުރިމަތިލައިގެން އެކަން ކާމިޔާބުވެއްޖެނަމަ އެ ހައިސިއްޔަތުން ދިވެހި ވޮލީ އަށް ވަރަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދޭން،" ރަނޭ ވިދާޅުވި އެވެ.

އެފްއައިވީބީގެ ކޮމިޓީން ރާއްޖޭގެ ވޮލީގެ އިންތިހާބުގައި ވޯޓު ލެވޭނެ ކަަމަށް ކަނޑައަޅާފައިވަނީ ނުވަ ކްލަބެކެވެ. ރަނޭ ވިދާޅުވީ އެ ކްލަބްތަކުގެ މެޖޯރިޓީގެ ތާއީދު އޭނާ އަށް އެބައޮތް ކަމަށެވެ.

ވީއޭއެމްގެ އެންމެ ފަހުގެ އިންތިހާބީ ރައީސް ލަތީފް މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވަން ވަނީ ނިންމަވައިފަ އެވެ. ރަނޭގެ އިތުރުން ދެން މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ވީއޭއެމްގެ ނައިބު ރައީސަކަށް މަސައްކަތްކުރެއްވި އިލްޔާސް ވަހީދު (އިއްލަ) އެވެ.