20 މާޗް 2021 - 09:35

ހެލްސިންކީ (މާޗް 20) - ދުނިޔޭގައި އެންމެ އުފާވެރިކޮށް މީހުން ދިރިއުޅޭ ގައުމަކަށް ފިންލޭންޑް ހޮވިއްޖެ އެވެ.
މިއީ އދ. އިން ސްޕޮންސާކޮށްފައިވާ ވޯލްޑް ހެޕިނެސް ރިޕޯޓުގެ އެއް ވަނަ އަށް ޖެހިޖެހިގެން ފިންލެންޑް ހޮވުނު ހަތަރު ވަނަ އަހަރެވެ. ލިސްޓުގެ ދެ ވަނަ ޑެންމާކަށް ލިބޭ އިރު ތިން ވަނަ ސްވިޒަލެންޑް، ހަތަރު ވަނަ އައިސްލެންޑް އަދި ފަސް ވަނަ މަގާމު ލިބެނީ ނެދަލެންޑްސް އަށެވެ. ގަދަ 10 ގައި ހިމެނޭ ޔޫރަޕް ނޫން ހަމައެކަނި ގައުމަކީ ނިއު ޒީލެންޑެވެ. އިނގިރޭސި ވިލާތް ވަނީ 13 ވަނަ އިން 17 ވަނަ އަށް ވެއްޓިފަ އެވެ.
ރިޕޯޓް ތައްޔާރުކޮށްފައި ވަނީ 149 ގައުމެއްގެ މީހުންގެ އުފާވެރިކަން ރޭޓްކޮށްގެންނެވެ. އޭގެ ތެރޭގައި ސޯޝަލް ސަޕޯޓް، އަމިއްލަ މިނިވަންކަން، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އަދި ކޮރަޕްޝަން ލެވެލް ހިމެނެ އެވެ.
ލިސްޓަށް ބަލާއިރު އެންމެ އުފާވެރި ނޫން ގައުމަކީ އަފްޣާނިސްތާނެވެ. އޭގެ ފަހުން ލެސޯތޯ، ބޮޓްސްވާނާ، ރުވާންޑާ އަދި ޒިމްބާބުވޭ ހިމެނެ އެވެ.
1. ފިންލޭންޑް
2. ޑެންމާކް
3. ސްވިޒަލެންޑް
4. އައިސްލެންޑް
5. ނެދަލެންޑްސް
6. ނޯވޭ
7. ސްވިޑަން
8. ލަގްޒަމްބޯގް
9. ނިއު ޒީލެންޑް
10. އޮސްޓްރިއާ