19 މާޗް 2021 - 23:10

ރ. އުނގޫފާރުން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ އެކު އެ ރަށް މިއަދު މޮނިޓަރިންއަށް ލައިފި އެވެ.
އުނގޫފާރު ކައުންސިލުން ބުނިގޮތުގައި ޕޮޒިޓިވްވީ، ބަލީގެ އަލާމާތްތައް ހުރެގެން މިއަދު ޑޮކްޓަރަށް ދައްކަން ދިޔަ އެ ރަށުގެ މީހެކެވެ. އެ އަންހެން މީހާއަކީ މި ފަހުން އެއްވެސް ރަށަކަށް ދަތުރުކުރި މީހަކަށް ނުވި ނަމަވެސް، އޭނާގެ ފިރިމީހާއަކީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ.
ދަތުރުމަތީގައި ވުމުން، ފިރިހެން މީހާ އަދި ކޮވިޑަށް ޓެސްޓެއް ނުކުރެ އެވެ. އެކަމަކު އެ ގެއަށް ވަދެ ނިކުމެ އުޅުން މި ވަގުތަށް ވަނީ މަނާކޮށްފަ އެވެ.
އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވި ކަމަށް ދައްކައިގެން މީގެ ކުރިން ވެސް ވަނީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެކަމަކު އެ ޓެސްޓު ފަހުން ނެގެޓިވް އެވެ.
ދ. ކުޑަހުވަދޫން ވެސް މިއަދު ވަނީ 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތިން ދުވަސް ކުރިން އެ ރަށުގެ ހަ މީހަކަށް ބަލި ޖެހުނު އިރު، މިއަދު ގިނައިން ޕޮޒިޓިވްވީ އެ މީހުންނާ ގުޅުން ހުރި މީހުންނެވެ.
ކޮވިޑްގެ ހާލަތު އަދިވެސް ރާއްޖޭގައި ގޯހެވެ. މިއަދު ވެސް 145 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.