19 މާޗް 2021 - 22:20

ކޮވިޑް-19އަށް މިއަދު ވެސް 145 މީހުން ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ބަލި ޖެހޭ މީހުންގެ އަދަދު، 100އިން މަތީގައި ހުންނަތާ ޖެހިޖެހިގެން ހަތަރު ވަނަ ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނިގޮތުގައި ޓެސްޓު ކުރި 4،460 ސާމްޕަލްގެ ތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މާލޭ ސަރަހައްދުންނެވެ. އެއީ 104 މީހުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން 21 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ދ. ކުޑަހުވަދޫގެ 13 މީހުން ހިމެނެ އެވެ.
ރިސޯޓުތަކުން 14 މީހަކަށް މިއަދު ވަނީ ބަލިޖެހިފަ އެވެ. އަދި ރާއްޖޭން ބޭރުން އައި ފަސް މީހަކާއި ހަދަމުން އަންނަ ރިސޯޓަކުން އެކަކަށް ބަލި ޖެހުނެވެ.
މިހާރު ކޮވިޑްގެ ބަލި މީހުންގެ ގޮތުގައި 2،447 މީހުން އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައި، 120 މީހުން ތިބި އިރު، 65 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ މުހުލަތު އަނެއްކާ ވެސް ވަނީ ދިގު ދަންމާލާފަ އެވެ.