މާލޭގެ މިސްކިތްތަކުގައި މި ފަހަރު ތަރާވީސް ކުރާނެ
މާލޭގެ މިސްކިތްތަކުގައި މި ފަހަރު ތަރާވީސް ކުރާނެ

ކުރިއަށް އޮތް ރޯދަ މަހު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މިދިޔަ އަހަރުގެ ރޯދަ މަސް މާލޭގެ ގިނަ މިސްކިތްތައް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ ގިނަ ބަޔަކު ތަރާވީސް ނަމާދާއި އީދު ނަމާދު ވެސް ކުރީ ގޭގަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ރޯދަ މަހު މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާނެ ކަމަށާއި އެކަމަކު ނަމާދު ކުރާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

އެޗްޕީއޭން ލަފާ ދެނީ، ގައިދުރުކޮށްގެން ނަމާދުކުރުމަށެވެ. މި ބަލިމަޑުކަމުގެ ތެރޭގައި، ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ހުއްދަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ ނިންމާފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވެސް ވަރަށް ގިނަ ދުވަހު ހުއްޓާލާފައި އޮތެވެ. އެކަމަކު ބަލިމަޑުކަން ކުރިއަށް ވުރެ ރަނގަޅުވުމާއެކު، މިހާރު މިސްކިތްތަކުގައި ނަމާދު ކުރެ އެވެ.