މިދިޔަ މަހުވެސް އިމްޕޯޓާއި އެކްސްޕޯޓު ދަށަށް
މިދިޔަ މަހުވެސް އިމްޕޯޓާއި އެކްސްޕޯޓު ދަށަށް

މިދިޔަ މަހު ވެސް އިމްޕޯޓާއި އެކްސްޕޯޓް ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދާ ވަނީ 25 ޕަސެންޓު މަދުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު މިއަަހަރު އެތެރެކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 397 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓު ކޮށްފައިވަނީ 239 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 40 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓާއި އެކްސްޕޯޓުން 300 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނު އިރު މިއަހަރު ލިބުނީ 256 މިލިއަން ރުފިޔާ އެވެ. މިއީ 15 ޕަސެންޓުގެ ދަށްވުމެކެެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އާއި ޗައިނާ އަދި އޮމާނުންނެވެ. ޔޫއޭއީން 407 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު ޗައިނާއިން 381 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 339 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފަ އެވެ.

ކުރިއަށް އޮތް ރޯދަ މަހަށް، އިމްޕޯޓު ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ރޯދަ މަހަށް ބޭނުންވާ މުދާ ރާއްޖެއަށް އެތެރެކުރަން ފަށައިފަ އެވެ. މިދިޔަ މަހުވެސް އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ކެއިންބުއިމުގެ ބާވަތްތަކެވެ. ރޯދަ މަހު މިތަކެތި ހުސްނުވެ ފިހާރަތަކުން ލިބެން ހުންނާ ކަމުގެ ޔަގީން ކަން ވިޔަފާރިވެރިން ދެއެވެ.