ހަފުތާގެ ކޮވިޑް ކޭސް މަދުވިޔަސް ފްލޫ ކްލިނިކް ޕޮޒިޓިވް ރޭޓް މަތި
ހަފުތާގެ ކޮވިޑް ކޭސް މަދުވިޔަސް ފްލޫ ކްލިނިކް ޕޮޒިޓިވް ރޭޓް މަތި

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ހަފުތާއެއްގެ ނަންބަރުން ބަލާއިރު ކުޑަކޮށް މަދުވި ނަމަވެސް ފްލޫ ކްލިނިކާއި އެކްޓިވް ސަވަޔަލަންސުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި މިއީ މިހާރު އޮތް ކަންބޮޑުވުމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިއަދު ހާމަކުރި ގޮތުގައި ހަފުތާގެ ނިސްބަތުން ބަލާއިރު ބަލި ޖެހޭ މީހުން މަދުވެ ފްލޫ ކްލިނިކާއި އެކްޓިވް ސަވަޔަލަންސް ޕޮޒިޓިވިޓީ ހުރީ އަދި ވެސް ކުރިއެކޭ އެއްގޮތަށް މަތީގަ އެވެ. މި ފަހުން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މިދިޔަ މަހުގެ ފަހު ހަފުތާގަ އެވެ. އެއީ 1،121 އެވެ.

މާލެއިން ކޮވިޑުގެ އެންމެ ފުރަތަމަ ކޭސް ފެނުނީ އަންގާރަ ދުވަހެއްގައި ވުމުން އެ އެޖެންސީން ހަފުތާ ގުނަނީ އަންގާރަ ދުވަހުން ފެށިގެން ޖެހިގެން އަންނަ ހޯމަ ދުވަހަށެވެ.

ކޭސްތައް އިތުރުވާން ފެށުމާ އެކު މިދިޔަ މަހުގެ ތެރޭގައި އިތުރު ފިޔަވަޅުތައް އަޅައި ހަވީރު 6:00 ގެ ފަހުން ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ. އޭގެ ފަހުން ހަފުތާ އަކު ޕޮޒިޓިވްވެފައިވަނީ 1،121 މީހުންނާއި 915 މީހުން އަދި އެންމެ ފަހު ހަފުތާގައި 787 މީހުންނެވެ.

އެޗްޕީއޭގެ ގްރާފްތަކުން ދައްކާ ގޮތުގައި ކޭސްތައް ގިނަވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާ އެކު ކޭސްތައް މަދުވެ އެވެ. ގްރާފްގައި ފާހަގަކޮށްފައިވާ ގޮތުން، ވެހިކަލް ދުއްވުން މަނާ ވަގުތު އިތުރުކޮށްލުމާ އެކު ކޭސްތަކުގެ އަދަދު ދަށްވެފައިވެ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް ފަހު ދެ ހަފުތާގައި ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެންމެ ފަހު ދެ ހަފުތާގައި ހޮސްޕިޓަލް އެޑްމިޝަން އުޅެނީ 100-150 ދޭތެރޭގަ އެވެ. މިދިޔަ މަހުގެ ތެރޭގައި ހޮސްޕިޓަލް އެޑްމިޝަން 150-200 އާ ދޭތެރޭގައި ވެސް އުޅުނެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާގޮތުން އެންމެ ފަހު ހަފުތާގައި ފްލޫ ކްލިނިކްތަކުން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 7.0 ގަ އެވެ. އޭގެ ކުރީ ހަފުތާގައި އެ އަދަދު ހުރީ 6.8 އަދި 46 ވަނަ ހަފުތާގައި ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 5.1 ގަ އެވެ. އަދި މި ރޭޓް ފަސް ޕަސެންޓަށް ވުރެ މަތީގައި ހުރުމަކީ ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށް ބުނެފައިވެ އެވެ.

އެކްޓިވް ސަވަޔަލަންސް ޕޮޒިޓިވް ރޭޓް، ހަތަރު ޕަސެންޓުގައި ހުރުމަށްފަހު އެންމެ ފަހު ހަފުތާގައި ހަ ޕަސެންޓަށް އަރާފައި ވެ އެވެ.

އިއްޔެގެ ނިޔަލަށް 22,147 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން 19,642 މީހަކު ރަނގަޅުވެފައި ވާއިރު 65 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަކީ 2,440 އެވެ.