19 މާޗް 2021 - 12:36

ޕެރިސް (މާޗް 19) - އިނގިރޭސި ވިލާތުން ދަތުރު ކުރި އަލްޖީރިއާގެ 26 މީހަކު ޕެރިހުގެ ޝާލްސް ޑެ ގައުލް އެއާޕޯޓުގައި ޓްރާންސިޓް ކުރުމަށް ފަހު އެ މީހުންގެ ގައުމަށް ނުދެވި އެއާޕޯޓުގައި ދިރިއުޅޭތާ ތިން ހަފުތާވެއްޖެ އެވެ.

އެ ގްރޫޕުގައި 75 އަހަރުގެ އަންހެނަކާއި ކުޑަ ދެ އަންހެން ކުދިން ވެސް ހިމެނެ އެވެ. ލަންޑަނުގެ ހީތުރޯ އިން އަމިއްލަ ގައުމަށް ދިއުމަށް އެ މީހުން ދަތުރު ފެށީ ފެބްރުއަރީ 26 ވަނަ ދުވަހު އެވެ. ނަމަވެސް ޕެރިހުގައި ޓްރާންސިޓް ކުރުމުން އެ މީހުންނަށް އަންގާފައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ މީހުންނަށް އަލްޖީރިއާ އަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އޭގެ ފަހުން އެ މީހުން ދިރިއުޅެމުން ދަނީ އެއާޕޯޓުގެ ޓާމިނަލް 2 ގަ އެވެ.
ޕެރިހުގައި ހުންނަ އަލްޖީރިއާ އެމްބަސީން ބުނެފައި ވަނީ ޔޫކޭ ވޭރިއަންޓް ފެބްރުއަރީ 25 ގައި އަލްޖީރިއާ އިން ފެނުމާ ގުޅިގެން އެ މީހުންގެ ޓިކެޓް ކެންސަލްކޮށްފައިވާކަން އެއާލައިނުން އަންގާފައިވާ ކަމަށެވެ. އެ ގްރޫޕުގެ މެންބަރަކު ބުނީ އޭގެ ތެރޭން ބައެއް މީހުން އިނގިރޭސި ޕާސްޕޯޓް ވެސް ގެންގުޅޭ ކަމަށެވެ. އަދި އަނެއްބައި މީހުން ޔޫކޭ ރެސިޑެންޓް ވިސާ އޮންނަ ކަމަށް ބުންޏެވެ. އޭގެ ތެރޭން ބައެއް މީހުން އަލްޖީރިއާ އަށް ދަތުރު ކުރަނީ ބަލި މީހުންތަކަކަށް ގޮވާލުމަށެވެ. އެމްބަސީން ބުނީ ފެބްރުއަރީ 28 އިން ފެށިގެން އަލްޖީރިއާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެ މީހުންނަށް އެންމެ ރަނގަޅު ވާނީ އެނބުރި ލަންޑަނަށް ދިއުން ކަމަށް އަންގާފައިވާ ކަމަށެވެ.
އެއާޕޯޓުގައި އެ ގްރޫޕް ތާށިވުމާ އެކު ބައެއް މީހުން ދަނީ ގޮނޑިތަކުގައި ނިދަމުންނެވެ. އަނެއް ބަޔަކު ތަޅުންގަނޑުގަ އެވެ. އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ އެއާޕޯޓުގެ ހެޔޮ އެދޭ ފަރާތްތަކުންނެވެ. ފުރަތަަމަ ކޮޅު އަލްޖީރިއާ އެއާ އިން އެ މީހުންނަށް ފުޑް ވައުޗަރު ވެސް ދިނެވެ. ނަމަވެސް އެނބުރި ލަންޑަނަށް ދިއުމަށް އެއާލައިނުން ހުށަހެޅުން އެ މީހުން އެކަން ގަބޫލް ނުކުރުމުން ފުޑް ވައުޗަ ދިނުން ވަނީ ހުއްޓާލައިފަ އެވެ.