19 މާޗް 2021 - 12:09

ޖެނީވާ (މާޗް 19) - ދުނިޔޭގައި މިހާތަނަށް 400 މިލިއަން މީހުން ކޮރޯނާވައިރަހުގެ ވެކްސިން ޖަހާފައިވާ އިރު ބައެއް ގައުމުތައް އުޅެނީ ނިސްބަތުން ވެކްސިން ޖެހުމުގައި ވަރަށް ކުރީގަ އެވެ.

ބައެއް ގައުމުތަކުން އެސްޓްރަޒެނެކާ ވެކްސިން މެދު ކަނޑާލި ނަމަވެސް ވެކްސިން ދިނުމުގެ ސްޕީޑަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެސްޓްރަޒެނެކާ ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމަށް ޔޫރަޕިއަން މެޑިސިން އެޖެންސީން ބުނުމާ އެކު ޔޫރަޕުގެ ގިނަ ގައުމުތަކުގައި ވެކްސިން އަލުން ފަށަން މިހާރު ވަނީ ނިންމައިފަ އެވެ. ދުނިޔޭގެ އެންމެ ފަހުން ވެކްސިން ޖެހި 100 މިލިއަން މީހުން ވެކްސިން ޖަހާފައި ވަނީ 11 ދުވަސް ތެރޭގަ އެވެ. އޭގެ ކުރިން 100 މިލިއަން ހަމަވެފައި ވަނީ 17 ދުވަހުންނެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ދުނިޔޭގެ 158 ގައުމެއްގައި 402.3 މިލިއަން މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.
މުޅި ދުނިޔެ އަށް ބަލާއިރު ވެސް ވެކްސިން ދިނުމުގެ އެންމެ ކުރީގައި އުޅެނީ އިޒްރޭލެވެ. އެ ގައުމުގެ ކޮންމެ ފަސް މީހަކުން ތިން މީހަކަށް ވަނީ މަދުވެގެން ވެކްސިންގެ އެއް ޑޯޒް ޖަހައިފަ އެވެ. އިޒްރޭލުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ދެ ޑޯޒް ޖަހައިފަ އެވެ. ތިރީގައި އެ ވަނީ ވެކްސިން ދިނުމުގެ އެންމެ ކުރީގައި ދެން އުޅޭ ގައުމުތަކެވެ.
- އިނގިރޭސި ވިލާތް (38 ޕަސެންޓް)
- ޔުނައިޓެޑް އަރަބް އެމިރޭޓްސް (35-70 ޕަސެންޓް)
- ޗިލީ (28 ޕަސެންޓް)
- އެމެރިކާ (22 ޕަސެންޓް)
- ބަހުރޭން (22 ޕަސެންޓް)
- ސާބިއާ (16 ޕަސެންޓް)
ވެކްސިން ޖެހި އަދަދަށް ބަލާއިރު އެންމެ ގިނަ މީހުން ވެކްސިން ޖެހީ އެމެރިކާގަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 113 މިލިއަން މީހުން ވެކްސިން ޖަހައިފަ އެވެ. މިއީ ރައީސް ޖޯ ބައިޑަން އަމާޒު ކުރެއްވި އަދަދަށް ވުރެ އިތުރު އަދަދެކެވެ. ބައިޑަން އަމާޒު ކުރެއްވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު 100 މިލިއަން ޑޯޒް ޖެހުމަށެވެ. ޗައިނާގައި 65 މިލިއަން ޑޯޒް ޖަހާފައިވާއިރު އިންޑިއާގައި ވަނީ 39 މިލިއަން ޑޯޒް ވެކްސިން ޖަހައިފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވަނީ 54.4 މިލިއަން ޑޯޒް ޖަހައިފަ އެވެ. މިއީ ޔޫރަޕުގެ އާބާދީގެ 8.5 ޕަސެންޓެވެ.
ކޮރޯނާވައިރަސް ވެކްސިންގެ އެންމެ ކުރީގައި އުޅެނީ އެސްޓްރަނެކާ/އޮކްސްފޯޑް ވެކްސިނެވެ. ސަތޭކަ އަށް ވުރެ ގިނަ ގައުމުގައި އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރެ އެވެ. ފައިޒާ ވެކްސިން 70 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރާ އިރު މޮޑާނާ ވެކްސިން ބޭނުން ކުރަނީ 40 ގައުމުނެނެވެ. ރަޝިޔާގެ ސްޕުޓިނިކް ވީ ވެކްސިން 20 ގައުމުގައި ބޭނުންކުރެ އެވެ. ޗައިނާގެ ސިނޯފާމާއި ސިނޮވެކް ވެކްސިން ވެސް 20 ގައުމަކުން ބޭނުން ކުރެ އެވެ. އެއް ޑޯޒް ޖަހަން ޖެހޭ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން އަދި ބޭނުން ކުރަނީ އެމެރިކާ އާއި ސައުތު އެފްރިކާގަ އެވެ.