ލ. އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި މީހާ މަރުވެއްޖެ
ލ. އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި މީހާ މަރުވެއްޖެ

ލ. ގަމުގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވެ، ހާލު ބޮޑުވި މީހާ ރޭ މަރުވެއްޖެ އެވެ.

ގަން، ވެލަބުލިއާގޭ ފާތިމަތު މަނިކެ، 55 އަހަރު މަރުވީ އިތުރު ފަރުވާ އަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.

ގަމުގެ މުކުރިމަގު އަވަށުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ފާތިމަތު މަނިކެގެ ބޮލަށް ގެއްލުންވެ، ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ.

މި އެކްސިޑެންޓުގައި އޭނާގެ އިތުރުން އުމުރުން 28 އަހަރުގެ އެހެން އަންހެނަކަށް އަދި 32 އަހަރުގެ ބިދޭސީ ފިރިހެނަކަށް ވެސް އަނިޔާވި އެވެ. އޭގެ ތެރެއިން އުމުރުން 28 އަހަރުގެ މީހާގެ ކަރު ކައިރީ ކަށިގަނޑުގައި ވަނީ ރެނދެއް ލައިފަ އެވެ. ބިދޭސީ މީހާ އަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.

ގަމުގައި ހިނގި އެކްސިޑެންޓެެއްގައި އަންހެނަކު މަރުވެފައިވާއިރު، ސ. ހިތަދޫގައި އިއްޔެ ހެނދުނު ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ.