18 މާޗް 2021 - 19:50

މި މަހުގެ ކުރީކޮޅު އާއިލީ މެންބަރެއްގެ ކައިވެނީގެ ހަފުލާ ކުލަގަދަކޮށް ފާހަގަކުރަން އެ އާއިލާގެ ގިނަ ބަޔަކާ އެކު ރާއްޖެ އައި ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
މި ފަހަރު ޗުއްޓީ އަށް އައީ ބައްޕަ ޝަކްތީ ކަޕޫރާއި މަންމަ ޝިވާންގީ ކަޕޫރް ވެސް އެކީގަ އެވެ. އެ މީހުން ޗުއްޓީ ހޭދަކުރަނީ ވޮއްމުލި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
މި މަހުގެ ކުރީކޮޅު ރާއްޖެ އަށް ކުރި ދަތުރުގައި ޝްރަދާ އާއި އާއިލާގެ މީހުން ތިބީ އޯޒެން ލައިފް މާދޫގަ އެވެ. އެ ދަތުރަކީ ޝްރަދާ މަންމަ ޝިވާންގީގެ ކޮއްކޮ ކުރީގެ ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންކް ޝަރުމާގެ ކައިވެނީގެ ހަފުލާ ބާއްވަން ކުރި ދަތުރެކެވެ.
އެ ދަތުރުގައި ގާތް ބައެއް ރައްޓެހިންނާ އެކު ސަތޭކައެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ޕަދުމިނީއާ އެކު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ސްޓްރީޓް ޑާންސާ" އިން ފެނިގެން ދިޔަ ޝްދަރާ މިހާރު އަންނަނީ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އޭގެ ބަތަލަކީ ރަންބީރް ކަޕޫރެވެ.