އެމްއެމްސީން ދިވެހި މީޑިއާއަށް: ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ތޯތޯ ވާހަކަތަކަށް ހަބަރު ނުހަދާ!
އެމްއެމްސީން ދިވެހި މީޑިއާއަށް: ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ތޯތޯ ވާހަކަތަކަށް ހަބަރު ނުހަދާ!

އުތުރު ތިލަފަޅުގައި ކޯސްޓް ގާޑު ޕޯޓެއް ތަރައްގީކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ހަބަރު އާއްމުކުރި ގޮތާ މެދު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ހިތްހަމަނުޖެހިއްޖެ އެވެ.

އޮންލައިނާއި ޕްރިންޓް މީޑިއާއަށް ހާއްސަ އެމްއެމްސީން ބުނީ ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ތޯތޯ ވާހަކައަށް ބިނާކޮށް ހަބަރު ނުހެދުމަށެވެ.

އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު ރާއްޖެއިން ވި އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ލިޔުންތަކެއް ރާއްޖޭގެ މީޑިއާތަކުން ވަނީ ކަވަރުކޮށްފަ އެވެ. ނަމަވެސް އެ ލިއުންތަކުގައި ބުނެފައިވާ ގޮތަށް ބަނދަރުގައި އިންޑިއާ ސިފައިން ތިބޭނެ ވާހަކަ އާއި ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ އޮންނަން ޖެހޭނެ ފަދަ ބައިތައް، ސޮއިކުރި އެއްބަސްވުމުގައި ނެތްކަން، ސިފައިންގެ އެންމެ މަތީ ޖެނެރަލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން އެނގެ އެވެ.

އެމްއެމްސީގެ ނޫސް ބަޔާނުގައި ބުނީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތެއް ނަމަ އަދި މުޖުތަމައުގެ އާއްމު މަސްލަހަތުގެ އިތުރުން ރާއްޖެ އާއި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ މަސްލަހަތު ހިމެނޭ މައުލޫމާތެއް ނަމަ، އެ މައުލޫމާތު ފޯރުކޮށްދޭން ސާބިތު ނުހިފޭ އަދި ތޯތޯ ވާހަކައަށް ހަބަރު ހެދުން އެއްވެސް ހާލަތެއްގައި ބަލައިނުގަނެވޭނެ ކަމަށެވެ.

މި ގޮތަށް އެމްއެމްސީން ބުނީ ލީކްކޮށްލި ޑްރާފްޓްގައި ހުރި މައުލޫމާތުތަކަށް ބިނާކޮށް ހެދި ހަބަރުތަކަށް ނިސްބަތްކޮށްފައި ކަމެއް ނުވަތަ އިދިކޮޅު ހަރަކާތާ ގުޅިފައި އޮތް ބައެއް މީޑިއާތަކުން ސިފައިންގެ އިސް ވެރިންނަށް އިންޑިއާ އިން ރިޝްވަތުދިން ކަމަށް ބުނެ ފެތުރި ހަބަރަށް ބިނާކޮށް ކަމެއް އެނގޭކަށް ނެތެވެ.

ޔޫޓީއެފްގެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާއިން ދިން 20 މިލިއަން ޑޮލަރުގެ ރިޝަވަތު ދިވެހި ސިފައިންގެ އިސް ވެރިން ނަންގަވައިގެންކަން އެ މީޑިއާތަކުން ތުހުމަތުކުރި އިރު، އޭގެ އެއްވެސް ހެއްކެއް ހާމަކޮށްފައެއް ނުވެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ ސިފައިންގެ އިސް ވެރިން ރިޝްވަތު ނެންގެވި ކަމުގެ ދޮގު ތުހުމަތުތަކަކީ ސިޔާސީ ނުވަތަ އަމިއްލަ ބޭނުމެއްގައި ވިޔަސް ފަތުރައިގެން ވާނެ ވާހަކަތަކެއް ނޫން ކަމަށެވެ.

"މި ހުންނަނީ ހަގީގަތުގައި ވަރަށް ދެރަ ވާހަކަ. ...ގައުމީ ދިފާއީ ބާރުގެ ނުވަތަ ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރާ މީހަކާ މެދު މިފަދަ އިލްޒާމެއް އަޅުވާކަމަށް ވަންޏާ އެއީ ވަރަށް ހިތާމަކުރާ ކަމެއް،" ޝަމާލް ވިދާޅުވި އެވެ.

އެމްއެމްސީން ބުނީ އާއްމުންގެ އަބުރަށް ނުވަތަ ހައްގަށް އުނިކަމެއް އައިސްދާނެ މައުލޫމާތެއް ނަމަ، އެކަން ރަނގަޅަށް ކަށަވަރުކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އިސްލާމްދީނާ ހިލާފު އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ގެއްލޭ ގޮތަށް ގަސްތުގައި ހަބަރާއި މައުލޫމާތު ފޯރުކޮށްދޭން އެތަނަކުން ހިތްވަރު ނުދޭ ކަމަށް ވެސް، ބަޔާނުގައިވެ އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަަށް ވެސް ލިބިދީފައިވާ ހައްގެއް ނަމަވެސް، އެ ހައްގު ބޭނުން ކުރުމުގައި މީޑިއާ ކައުންސިލްގެ ގާނޫނާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ އެއްގޮތަށް ހަބަރު ފޯރުކޮށްދިނުމަށް، އެންމެހާ ނޫސްްވެރިންނަށް އިލްތިމާސް ކުރަމެވެ،" އެމްއެމްސީގެ ބަޔާނުގައި ބުންޏެވެ.