"ބައިވެރިޔާ" ގެ ޓިކެޓް ބުކްކޮށް ދޭން ފަށައިފި
"ބައިވެރިޔާ" ގެ ޓިކެޓް ބުކްކޮށް ދޭން ފަށައިފި

އަންނަ މަހުގެ 14 ގައި ރިލީޒްކުރާ އެންވިޝަން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމް "ބައިވެރިޔާ" ގެ ޓިކެޓް ބުކްކޮށް ދޭން ފަށައިފި އެވެ.

އެ ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖަށް ނަމާއި ފޯން ނަމްބަރާއި ޓިކެޓް ބޭނުންވާ ތާރީހާއި އަދަދާ އެކު އިންބޮކްސް ކުރުމުން ޓިކެޓް ބުކް ކުރެވޭނެ ކަމަށް "ބައިވެރިޔާ" ގެ ޓީމުން ބުންޏެވެ.

"މިހާރު ވެސް ދެ ފިލްމެއްގެ ޓިކެޓް އޮލިމްޕަހުން ވިއްކަމުން އަންނާތީ އަޅުގަނޑުމެން މި ބަލަނީ މި މަހުގެ ވިއްސާއި ފަންސަވީހާ ދޭތެރޭ ދުވަހެއްގައި ބައިވެރިޔާގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފެށޭނެ ކަމަށް،" ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުންޏެވެ. "ފޭސްބުކް ތުރޫކޮށް ހުޅުވާލީމަ ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ."

"ބައިވެރިޔާ" އަށް އޮލިމްޕަސް ލިބިފައި ވަނީ 15 ޝޯ އަށެވެ. އެހެން ނަމަވެސް ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ކުރާނެ ކަމަށް ޝަފީގް ބުންޏެވެ.

"މީގެ އިތުރުން ޝްވެކްގައި ވެސް އެޅުވޭތޯ މި ބަލަނީ. އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ރިކްއެސްޓް އަންނަ ވަރަކުން ފިލްމް އަޅުވާނެ،" ޝަފީގް ބުންޏެވެ. "މިހާރު ވެސް ދެ ތިން އަތޮޅެއް ކޮމްފާމްވެފައި އިނީ."

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ބައިވެރިޔާ" އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ.

ބަތަލާ ނިއުމާ މުހައްމަދާއި ޝަފީގް ޕްރޮޑިއުސްކޮށްފައިވާ "ބައިވެރިޔާ" ގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަލީހާ ވަހީދު (މަލް)، އަހުމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަދި އަހުމަދު ސައީދު ހިމެނެ އެވެ.

"ބައިވެރިޔާ" ގެ ކުރިން ވެސް އޮލިމްޕަހަށް ފިލްމެއް އަންނާނެ އެވެ.

އެއީ މި މަހުގެ 30 ގައި ރިލީޒް ކުރާ އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ "ވީ ބޭވަފާ" އެ އެވެ.