18 މާޗް 2021 - 14:10

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންނާއި އެކްޓިވް ކޭސްތަކުގެ އަދަދު މި މަސް ފެށުނު އިރު ހުރި ވަރަށް ވުރެ މިހާރު ދަށް ކަމަށް އިއްޔެއާ ހަމައަށް އެޗްޕީއޭ އިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ އިން ކޮންމެ ދުވަހަކު ހާމަކުރަމުން އަންނަ ހިސާބުތަކަށް ބަލާއިރު މި މަސް ފެށުނު އިރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،567 އެވެ. އިއްޔެ ހާމަކުރި ހިސާބުތަކުގައިވާ ގޮތުން މިހާރު އެ އަދަދަކީ 2،371 އެވެ. މިއީ 196 ގެ ދަށްވުމެކެވެ.
އެކްޓިވް ކޭސްތައް ދަށްވެފައި ވާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް މި މަސް ފެށުނުއިރު ހުރި ވަރަށް ވުރެ މިހާރު ދަށެވެ. މަސް ފެށުނުއިރު 181 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިއްބެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް ތިބީ 118 މީހުންނެވެ. މިއީ 63 މީހުން މަދު އަދަދެކެވެ.
ހޮސްޕިޓަލްގައި ތިބި މީހުންގެ އަދަދު އެކްޓިވް ކޭސްތަކުގެ ފަސް ޕަސެންޓަށް އަރަ އެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 64 މީހަކު މަރުވެފައި ވާއިރު މިއީ ބަލި ޖެހުނު ޖުމްލަ އަދަދުގެ 0.3 ޕަސެންޓެވެ.
މި ދެ އަދަދު ދަށްވި ނަމަވެސް މި މަހުގެ މިދިޔަ 17 ދުވަހުގެ ތެރޭގައި އިތުރު 1،982 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. މި އަދަދާ އެކު މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ ނިޔަލަށް ވަނީ 21،572 އަށް އަރައިފަ އެވެ. މިއީ އިއްޔެގެ ނިޔަލަށް ޓެސްޓްކުރި 53،083 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެކެވެ. އެހެންވެ، ޓެސްޓުކުރި ކޮންމެ 100 މީހެއްގެ ތެރެއިން 3.35 ވަނީ ޕޮޒިޓިވް ވެފަ އެވެ.
މަސް ފެށުނު ދުވަހު ޕޮޒިޓިވިޓީ ރޭޓް ހުރީ 4.38 ޕަސެންޓުގަ އެވެ. އިއްޔެ ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުން އެންމެ ފަހުން ޓެސްޓްކުރި 3،777 ސާމްޕަލްގެ ތެރެއިން 142 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެއީ 3.76 ޕަސެންޓެވެ. އެހެންވެ މަސް ފެށުނުއިރު ހުރި ވަރަށް ވުރެ މިއީ 1.03 ޕަސެންޓް ދަށް ރޭޓެކެވެ.
އަދަދުތައް މިހެން ދެއްކި ނަމަވެސް މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ކިޔާއިރު ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސް ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ އެހެން ގައުމުތަކާ އަޅާބަލާއިރު ކޮވިޑަށް ޓެސްޓްކުރާ މީހުން އާބާދީގެ ނިސްބަތުން ގިނަކަމުން، ޕޮޒިޓިވް ކޭސްތައް ގިނައިން ފެންނާތީއާ އެކުގަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދާ އަޅާބަލާއިރު މީގެ ކުރިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު މީހުންގެ އަދަދު ނިސްބަތުން މިހާރު މަދު ކަމަށް ފާހަގަވެ އެވެ. އެހެން ގައުމުތަކުގައި ވެސް ކޮވިޑް ވެކްސިން ދޭން ފެށި ފަށުން ބަލީގައި ހާލު ބޮޑުވާ މީހުން މަދުވެ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެ އެވެ.
ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދެމުން އަންނައިރު އިއްޔެގެ ނިޔަލަށް 206،114 މީހަކަށް ވެކްސިން ދީފައިވެ އެވެ. މިއީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދެވެ. ވެކްސިންގެ ފުރަތަމަ ޑޯޒަށް ދެ ހަފުތާ ފަހުން ކޮވިޑާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރަން ފަށަ އެވެ. އެކަމަކު އެކަށީގެންވާ ރައްކާތެރިކަމެއް ލިބެނީ ދެ ވަނަ ޑޯޒަށް ފަހު މި މުއްދަތު ހަމަވުމުންނެވެ.