ހަތަރު އަހަރުގެ އޯޓިސްޓިކް ކުއްޖަކު މާސްކް ނޭޅުމުން މަތިންދާ ބޯޓުން ބާލުވައިފި
ހަތަރު އަހަރުގެ އޯޓިސްޓިކް ކުއްޖަކު މާސްކް ނޭޅުމުން މަތިންދާ ބޯޓުން ބާލުވައިފި

ވޮޝިންޓަން (މާޗް 18) - އުމުރުން ހަތަރު އަހަރުގެ އޯޓިސްޓިކް ފިރިހެން ކުއްޖަކު މާސްކް އެޅުމަށް ދެކޮޅު ހެދުމުން އެމެރިކާގެ އެއާލައިނުގެ ބޯޓަކުން އެ ކުއްޖާ ބާލުވައިފި އެވެ.

ކުއްޖާގެ މަންމަ ބުނީ ސްޕިރިޓް އެއާލައިންސް އިން ވަނީ އެއީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށް ނުބަލައި އެ ކުއްޖާ މާސްކް އަޅަން މަޖްބޫރުކޮށްފައި ކަމަށެވެ. ކެލީ ކިމްބޯލް ބުނީ އޭނާ ދަތުރުކުރީ ފިރިމީހާ އާއި ދަރިފުޅު ކާޓާއާ އެކު ލެސް ވެގަސް އިން ކަމަށެވެ. އަދި ދަރިފުޅަކީ އޯޓިސްޓިކް ކުއްޖަކަށްވުމުން އެކަމުގެ މެޑިކަލް ލިޔުމެއް ވެސް ގެންދިޔަ ކަމަށް ބުންޏެވެ.

"އެ ކުއްޖާ މާސްކް އަޅައިފި ނަމަ ނޭވާ ހިފަހައްޓައިގެން ހުންނަނީ. ދެން އޭނާ އުޅޭނީ ތެޅިފޮޅި އުނދަގޫވާ ގޮތަށް. އެއީ އެ ކުއްޖާ އަށް ވެސް ގެއްލުމެއް ވެދާނެ ކަމެއް،" ވާހަކަ ވެސް ނުދެއްކޭ ކުއްޖާއާ ބެހޭ ގޮތުން މަންމަ ބުންޏެވެ.

ކުއްޖާގެ މަންމަ ކިމްބޯލް ބުނީ އެއީ އޯޓިޒަމް ހުންނަ ކުއްޖެއްކަމުގެ ލިޔުން ސްޕިރިޓް އެއާލައިނުގެ ކްރޫންނަށް ދެއްކުމުން އޯޓިޒަމަކީ ނުކުޅެދުންތެރިކަމުގެ ބައްޔެއް ނޫން ކަމަށް ބުނި ކަމަށެވެ.

"ކްރޫން ދެން އެންގީ މާސްކް އަޅަން ޖެހޭނެ ކަމަށާއި ނޫނީ ޖެހޭނީ ބޯޓުން ފައިބަން ކަމަށް،" މަންމަ ބުންޏެވެ.

އެއާލައިނުން އެމެރިކާގެ މީޑިއާތަކަށް ބުނެފައި ވަނީ މަތިންދާ ބޯޓުގައި ތިބޭ އިރު ދެ އަހަރުން މަތީގެ ހުރިހާ ފަސިންޖަރުން މާސްކް އެޅުން މަޖްބޫރުވާނެ ކަމަށެވެ. އެކަމަކު އެމެރިކާގެ ގައިޑްލައިންގައިވާ ގޮތުން ސިއްހީ ޚާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މާސްކް އެޅުމުން އިސްތިސްނާވާނެ އެވެ.

ބޯޓުން ދަތުރު ނުކުރެވުމުން އެ އާއިލާ އިން އާކަންސަސް އަށް ދިޔައީ އެމެރިކަން އެއާލައިންސްގެ ބޯޓެއްގަ އެވެ. އަދި އެ ކުންފުނިން ދަރިފުޅުގެ ބަލި ހާލަތު ގަބޫލްކުރި ކަމަށް މަންމަ ބުންޏެވެ.