18 މާޗް 2021 - 11:31

ކޮވިޑް-19އިން ރައްކާތެރިވުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާ ވެސް އިތުރު ހަތް ދުވަހަށް އިތުރުކޮށްފި އެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދިއުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް އިތުރުކުރިކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
- ރޭގަނޑު 11 އިން ފަތިހު 4:30 އަށް މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުނިކުތުން
- އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ ނޫޅުން
- ޕާކުތަކާއި މައިޒާންތަކާއި ދުވާ ޓްރެކްތަކުގެ އިތުރުން ސިނަމާތައް ބަންދުކުރުން
- ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން ހުއްޓާލުން
- އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
މީގެ އިތުރުން، އެޗްޕީއޭން ވަކިގޮތެއް އަންގަންދެން، ހާއްސަ ހުއްދައިގެ ދަށުން މާލޭން ރަށްރަށަށް ދާ މީހުން، 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރެއް އޮތުމާއި ޕްރީ ސްކޫލާއި ނާސަރީ ގްރޭޑްތަކުގައި ކިޔަވައިދިނުން ހުއްޓާލުން ހިމެނެ އެވެ.
ކޮވިޑްގެ ހާލަތު އަދިވެސް ރާއްޖޭގައި ދަނީ ގޯސްވަމުންނެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މިހާރު ބަލިމަޑުކަން އެބަ އޮތެވެ. އެގޮތުން ދ. ކުޑަހުވަދޫން އިއްޔެ ވަނީ ހަ މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ.