ކާތިކާއި ކްރިތީ ދެވަނަ ފިލްމަކުން ފެނިދާނެ
ކާތިކާއި ކްރިތީ ދެވަނަ ފިލްމަކުން ފެނިދާނެ

ދެހާސް ނަވާރައިގެ "ލުކާ ޗުއްޕީ" ގައީ އެކީގައި މަސައްކަތްކުރި ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަނާއި ކްރިތީ ސެނަން އަލުން އެކީގައި ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އެކްޓަރު ވަރަން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ މިދިޔަ އަހަރުގެ ތެލެގޫ ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމެކެވެ. ތުރިވިކްރަމް ސްރިނިވާސަން ޑައިރެކްޓްކުރި ފިލްމުގެ ލީޑް ރޯލު ކުޅުނީ އައްލޫ އަރުޖުން އާއި ޕޫޖާ ހެގްޅޭ އެވެ.

ފިލްމުގެ ހިންދީ ރިމެކް ހަދަނީ އެކްތާ ކަޕޫރާއި އޮރިޖިނަލްގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވި އަރުޖުންގެ އިތުރުން އެސް ރާދާ ކްރިޝްނާ ގުޅިގެންނެވެ. މި ފިލްމަށް ކާތިކް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ 2019 ގަ އެވެ.

ޕިންކްވިލާ އިން ބުނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިންދީ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު އޭގެ ޓީމުން މިހާރު ކްރިތީއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ކުރިއަރަމުން އަންނަ ބަތަލާ މި ވަގުތު އަންނަނީ ވަރުން ދަވަނާ އެކު ކުޅޭ އަމަރް ކޯޝިކްގެ "ބޭޅިޔާ" ގެ މަސައްކަތްކުރަމުންނެވެ.

އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޓައިގާ ޝްރޮފާ އެކު ކުޅޭ "ގަންޕަތު" ވެސް ހިމެނެ އެވެ. މީޑިއާތަކުން ބުނީ ވިކާސް ބާލް ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ވެސް ޖޫން ހިސާބުގައި ފަށަން ނިންމާފައިވާތީ "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކަށް ކްރިތީ އަށް ވަގުތު ދެވެން ނެތް ނަމަ އެހެން ބަތަލާއަކަށް ފިލްމުން ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް އެހެން ދެ ބަތަލާއެއްގެ ނަން ޝޯޓްލިސްޓްކޮށްފައިވާ ކަމަށް ބުންޏެވެ.

ޕިންކްވިލާ އިން ބުނީ ފިލްމުގެ ޓީމުން ނިންމާފައި އޮތީ އަންނަ މަސް ނިމުމުގެ ކުރިން އޭގެ ކާސްޓް އެއްކޮށް ފައިނަލްކުރަން ކަމަށެވެ. އެހެންވެ ކާތިކާ އެކު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކުން ކްރިތީ ފެންނާނެކަން ކަށަވަރުވާނީ އެޕްރީލް މަހުގެ ފަހުކޮޅު އެވެ.

އެ ދެ ތަރިންގެ "ލުކާ ޗުއްޕީ" އަކީ އެ މީހުންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

ކާތިކްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ "ދަމާކާ" ގެ އިތުރުން "ފްރެޑީ" އާއި "ދޯސްތާނާ 2" އަދި "ބޫލް ބުލައްޔާ 2" ހިމެނެ އެވެ. ކްރިތީ ދާދި ފަހުން އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ނިންމާލާފައިވާ އިރު "މިމީ" އާއި "ހަމް ދޯ ހަމޭރޭ ދޯ" އަކީ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމުތަކެވެ.