ރާނީގެ އުފަން ދުވަހު "މަރުދާނީ 3" އިއުލާންކުރަނީ؟
ރާނީގެ އުފަން ދުވަހު "މަރުދާނީ 3" އިއުލާންކުރަނީ؟

ބަތަލާ ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅޭ ފިލްމު ސީރީޒް "މަރުދާނީ" ގެ ތިން ވަނަ ބައި އޭނާގެ 43 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމު ޕްރޮޑިއުސްކުރާ ރާނީގެ ފިރިމިހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އޮފިޝަލަކާ ހަވާލާދީ ފިލްމުފެއާ އިން ބުނީ މި މަހުގެ 21 ގައި، ހުނަރުވެރި ބަތަލާގެ ރާނީގެ އުފަން ދުވަހު ފޭނުންނަށް ދޭނެ އެންމެ އުފާވެރި ޚަބަރަކީ "މަރުދާނީ 3" އިއުލާންކުރުން ކަމަށެވެ. އަދި އެ ފިލްމު ޑައިރެކްޓްކުރާނީ 2019 ގައި ގެނެސްދިން "މަރުދާނީ 2" ވެސް ލިޔެ، ޑައިރެކްޓްކުރި ގޯޕީ ޕުތުރާން ކަމަށް ބުންޏެވެ.

"މަރުދާނީ" ގެ ފުރަތަމަ ފިލްމު 2014 ގައި ގެނެސްދިން އިރު އޭގެ ޑައިރެކްޓަރަކީ ޕްރަދީޕް ސަރްކާރެވެ. އޭރު އެ ފިލްމުގައި ގޯޕީ ހިއްސާވީ ހަމައެކަނި ސްކްރީން ރައިޓަރުގެ ގޮތުގަ އެވެ.

ކުށްވެރިން ހަމަބިމަށް ތިރިކުރަން މަސައްކަތްކުރާ ޖެހިލުން ކުޑަ ޝީވާނީ ޝިވާޖީ ރޯއި ކިޔާ ކެރެކްޓާއެއް ރާނީ ކުޅޭ "މަރުދާނީ" ގެ ކުރީގެ ދެ ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެވެ.

ޖުމްލަ 20 ކްރޯޑް ރުޕީސް (2.8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "މަރުދާނީ 2" އަކީ 67.12 ކްރޯޑް ރުޕީސް (9.27 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. އަދި 21 ކްރޯޑް ރުޕީސް (2.9 މިލިއަން ޑޮލަރު) އިން ހެދި "މަރުދާނީ" އަކީ 56.7 ކްރޯޑް ރުޕީސް (7.83 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 23 ގައި ރިލީޒްކުރާ ކްރައިމް ކޮމެޑީ "ބަންޓީ އޯރް ބަބްލީ 2" އެވެ. ވަރުން ވީ ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ޝަރުވާރީ ވާގްގެ އިތުރުން ސިދާންތު ޗަތުރަވެދީ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ބަންޓީ އޯރް ބަބްލީ 2" ގެ ޓްރެއިލާ މި މަހުގެ 23 ގައި އާންމުކުރާނެ އެވެ.