19 މާޗް 2021 - 09:13

ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި ހުމާ ގްރޭޝީ ނެޓްފްލިކްސްގެ ކޮމެޑީއަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މިއީ "އަންދާދުން" ގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޕްރޮޑިއުސްކޮށް ވަސަން ބާލާ ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ. އަންނަ މަހުގެ ތެރޭގައި ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ފިލްމުގެ އޮފީސްތެރޭގައި ހިނގާ މަޖާ ކަންތައްތަކެއް ދައްކުވައިދޭނެ "މޮނިކާ އޯ މައި ޑާލިން" އެވެ.
މީގެ ޑައިރެކްޓަރު ވަސަން އަކީ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ 2019 ގައި ބޮލީވުޑަށް ތައާރަފުކުރި ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެ ޑައިރެކްޓަރެވެ.
"މޮނިކާ އޯ މައި ޑާލިން" އިން ރާޖަށް ފުރުސަތު ލިބުނު އިރު، މިއީ އޭނާ ސްރީރާމް ހިއްސާވާ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އަދި ނެޓްފްލިކްސްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ތިން ވަނަ ފަހަރެވެ. ރާޖްގެ މިދިޔަ އަހަރުގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" ނެޓްފްލިކްސް އިން ގެނެސްދިން އިރު ދާދި ފަހުން ގެނެސްދިން "ދަ ވައިޓް ޓައިގާ" އަކީ ވެސް އެ ކުންފުނީގެ ފިލްމެކެވެ.
ޕްރިޔަންކާ ޗޯޕްރާ ބަތަލާގެ ރޯލު ކުޅުނު "ދަ ވައިޓް ޓައިގާ" އަކީ އަންނަ މަހު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އަށް ވެސް ވާދަކުރާ ފިލްމެކެވެ.
ރާޖާއި ހުމާ ކުރިން ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ "ގޭންގް އޮފް ވަސޭޕޫރް" ގައި މަސައްކަތްކޮށްފައިވެ އެވެ. ހުމާ އަކީ ސްރީރާމް 2015 ގައި ވަރުން ދަވަނާ އެކު ގެނެސްދިން "ބަދުލާޕޫރް" ގެ އެއް ބަތަލާ އެވެ.
އޭނާ ވެސް ކުރިން ނެޓްފްލިކްސްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ދީޕާ މެހެތާގެ 2019 ގެ ވެބް ސީރީޒް "ލީލާ" އެވެ. އަންނަ މެއި މަހު ރިލީޒްކުރާ ހުމާގެ ހޮލީވުޑްގެ ފިލްމު "އާމީ އޮފް ދަ ޑެޑް" އަކީ ވެސް ނެޓްފްލިކްސްގެ ފިލްމެކެވެ. ހުމާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ މެއި 28 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" އެވެ.
މިހާރު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 11 ގައި ރިލީޒްކުރި "ރޫހީ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހަމް ދޯ ހަމާރޭ ދޯ" އާއި "ބަދާއީ ދޯ" ހިމެނެ އެވެ.