18 މާޗް 2021 - 08:30

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ސްވިޑަން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވާޑް ޝްކޮޑްރަން މަހޯލީ އާއި ނެދަލެންޑްސްގެ ކްލަބްތަކަށް ކުޅުނު މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ މިޑްފީލްޑަރު މުހައްމަދު އަޖްނާނީ ސޮއިކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ކްލަބްތަކަށް މި ސީޒަނުގެ ފަހު ޓްރާންސްފާ މާކެޓް ވަނީ ބަންދުވެފަ އެވެ. ސަސް އިން ވަނީ މި ޓްރާންސްފާގައި ހަ ކުޅުންތެރިއަކު ގެނެސްފަ އެވެ. މަހޯލީ އާއި އަޖްނާނީގެ އިތުރުން ދެން ސަސްއާ ގުޅުނީ މާޒިޔާ އިން ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި މުޖުތާޒް މުހައްމަދު (މުޖޭ) އާއި އަބްދުﷲ ޖުނައިދު (ޖެންނޭ)ގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ ނަޝާހު އަހުމަދު (ނައްޓު) އަދި އަހުމަދު އިނާން އެވެ.
ސަސް އިން ދޫކޮށްލީ ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒާވާ އާއި ސްޕެއިންގެ ފޯވާޑް ވިކްޓަ ރޮޑްރިގޭޒްގެ އިތުރުން ޓީސީއާ ގުޅުނު ހަސަން ސޮލާހު، މުހައްމަދު އަރާޝް އައްސަދު އަދި މޫސާ ހަސަން އެވެ.
ސްވިޑަން އާއި ކޮސޯވޯގެ ރަށްވެހިކަން އޮންނަ އުމުރުން 27 އަހަރުގެ މަހޯލީ ސްވިޑަންގެ އުމުރު ފުރާ ގައުމީ ޓީމަށް ކުޅުނުއިރު، ކްލަބް ލެވަލްގައި އޭނާ ކުޅެފައިވަނީ ސްވިޑަން ފުރަތަމަ ޑިވިޝަންގެ ހަލްމްސްޓަޑާއި ހޭކަން އަދި ސިރީއާސްގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކަށެވެ. އޭނާ ވަނީ ޑެންމާކުގެ ދެ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ސިލްކެބޯގަށް މިދިޔަ އަހަރު ކުޅެފަ އެވެ.
މޮރޮކޯގެ 20 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު އަޖްނާނީ ވަނީ ނެދަލެންޑްސްގެ ދެ ވަނަ ޑިވިޝަނުގެ ވޮލެންޑަމް، އެފްސީ އެއިންދޯވަން، އެސްސީ ޓެލްސްޓާ އަށް ކުޅެފަ އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ ކުޅެފައިވަނީ ނެދަލެންޑްސްގެ ދަށް ޑިވިޝަނުގެ ޓީމުތަކަށެވެ.
އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ މި ސީޒަނުގައި ސަސް އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ސަސް އިން ފުރަތަމަ މި ސީޒަނަށް ނުކުތް ނަމަވެސް މިހާރު އެ ޓީމުގެ ކޯޗަކަށް ހުރީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އޭނާ އެ ޓީމާ ހަވާލުވީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ސަސް ލީގުގެ ހަ ވަނައިގައި އޮތީ އަށް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމުން އަންނަނީ މި މަސް ތެރޭ އަލުން ލީގު ފެށޭތޯ މަސައްކަތްކުރަމުންނެވެ. ލީގު އަލުން ފަށާ ދުވަހު ސަސް އިން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ސަސް އިން ވަނީ ފުރަތަމަ ބުރުގައި އީގަލްސް 1-0 އިން ބަލިކޮށްފަ އެވެ.