18 މާޗް 2021 - 07:04

ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީ-ރަޖިސްޓްރީކޮށްފައި ވާތީ، ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެ މީހުންނަށް އަލުން ދޭން ނިންމައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިކް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޓްވިޓާ މެދުވެރިކޮށް ޝަރީފް ރޭ ވިދާޅުވީ ވޯޓުގެ ސިއްރު ގެއްލޭ ފަދަ ގޮތަކަށް ގިނަ ބަޔަކު ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ވޯޓުގެ ސިއްރު ދެމެހެއްޓުމަށްޓަކައި، މިހާރު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އެ މީހުންނަށް ދޭނެ ކަމަށެވެ.
"... މި ފަރާތްތަކަށް އަލުން، މިހާރު ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ވާން މި ހަފްތާގައި ފުރުސަތު ހުޅުވާނަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެޅި ރައްކާތެރި ފިޔަވަޅުތަކާ ހެދި އެވެ. ސަލާމަތީ ފިޔަވަޅުތަކާއި އެކު އިންތިހާބު ބާއްވާނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކަނޑައަޅާފަ އެވެ.