12 އަހަރަށް ފަހު ފާއްޓޭ އަލުން ފުރަތަމަ ޑިވިޝަނަށް
12 އަހަރަށް ފަހު ފާއްޓޭ އަލުން ފުރަތަމަ ޑިވިޝަނަށް

ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އަށް ކުރިން ކުޅުނު މުހައްމަދު ފާސިރު (ފާއްޓޭ)، 12 އަހަރަށް ފަހު އަލުން ކްލަބް އީގަލްސްއާ އެކު ފުރަތަމަ ޑިވިޝަނުގައި ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ބ.އޭދަފުއްޓަށް އުފަން ފާއްޓޭ އެންމެ ފުރަތަމަ ކުޅުނީ އީގަލްސް އަށެވެ. އެއީ 2006 ވަނަ އަހަރު އެވެ. އެ ފަހަރު ފާއްޓޭއާ އެކުގައި އޭނާގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ) ވެސް އީގަލްސް އަށް ކުޅުނެވެ.

ފާއްޓޭގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ 2008 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރި އޭވައިއެލް ޓީމާ ގުޅުނު ފަހުންނެވެ. ރަނގަޅު ޓީމެއް ގޮވައިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ ރާއްޖޭގެ ވަރުގަދަ ޓީމުތަކާ ވާދަކުރި އޭވައިއެލްއާ އެކު ފާއްޓޭ 2009 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފާއްޓޭއާ އެކު ސެންޓޭ ވެސް އޭވައިއެލް އަށް ކުޅުނެވެ.

އެ ސީޒަނަށް ފަހު ފާއްޓޭގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ދެން އޭނާ ފުރަތަމަ ޑިވިޝަނުގައި ނުކުޅެ އެވެ. ފުރަަތަމަ ޑިވިޝަނުން ނުފެނުނު ކަމުގައި ވިޔަސް ރަށާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ފާއްޓޭ ކުޅެ އެވެ.

އެފްއޭއެމުން އަތޮޅު ފުޓްބޯޅަ އަށް ހާއްސަކޮށްގެން ފެށި މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމަށް ފާއްޓޭ ކުޅުނެވެ. އަދި 2016 ވަނަ އަހަރު ތ. ތިމަރަފުށި ބަލިކޮށް އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ފަހަރު ފާއްޓޭ ވަނި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެފްއޭއެމްގެ އަތޮޅު ފުޓްބޯޅަ ޕްރޮގްރާމްގެ ތެރެއިން އޭދަފުށީގައި ތަމްރީންކުރި ފުޓްބޯޅަ ކޯޗުންގެ ތެރޭގައި ފާއްޓޭ ހިމެނެ އެވެ.

ފާއްޓޭ އީގަލްސް އަށް ގެންނަން އެ ޓީމުން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އޭއެފްސީ ކަޕުގައި ވާދަކުރަން ނުކުންނައިރު ރަނގަޅު ލޯކަލް ކުޅުންތެރިން ވެސް ޓީމުގައި ހިމެނުމުގެ ގޮތުންނެވެ. ފާއްޓޭގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ މަދުކަމުގައި ވިޔަސް އޭނާގެ ކިބައިގައި ރަނގަޅު ލެވަލެއްގައި ކުޅެވޭނެ ފެންވަރު ހުރުމަކީ އީގަލްސް އިން އޭނާ ޓީމު ލިސްޓުގައި ހިމެނި އެންމެ ބޮޑު ސަބަބެވެ.

އީގަލްސް އިން ވަނީ ސީޒަނުގެ ފަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ޓީމު ލިސްޓުގައި ހިމަނައިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު އަސްހަދު އެންމެ ފަހުން ފެނުނީ 2018 ވަނަ އަހަރުގެ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އިންނެވެ. އަސްހަދު އަންނަނީ އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެެވެ.

އުމުރުން 34 އަހަރުގެ ފާއްޓޭ ވެސް ފުރުސަތު ލިބުނުހާ އަވަހަކަށް ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް އީގަލްސް އިން މައުލޫމާތުދެ އެވެ.

އޭއެފްސީ ކަޕްގައި މި ފަހަރު މުޅިން އަލަށް ވާދަކުރާ އީގަލްސް އިން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގައި ނުކުންނާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ. އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ބޮޑީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ. ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައި ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ޕްލޭއޮފްގައި އީގަލްސް ކުޅެންޖެހޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމުން އަންނަނީ މި މަސް ތެރޭ އަލުން ލީގު ފެށޭތޯ މަސައްކަތްކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ލީގު ފަށާ ދުވަހެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފައިނަލްކުރާނެ އެވެ.

ލީގު އަލުން ފަށާ ދުވަހު އީގަލްސް އިން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.