18 މާޗް 2021 - 08:00

ކުރު ވީޑިއޯތަކަށް ހާއްސަ އެޕް ޓިކްޓޮކުން މި އަހަރުގެ ތެރޭގައި ގްރޫޕް ޗެޓް ފީޗާ ތައާރަފުކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާރު އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސާ ގުޅުން ހުރި އިތުބާރު ހިފޭ އޮފިޝަލުންތަކަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ގްރޫޕް ޗެޓް ފީޗާ ތައާރަފުކުރުމަކީ އެ އެޕް ތަރައްގީކުރަން ރާވާފައިވާ ޕްލޭންތަކުގެ ތެރޭގައި ވެސް ހިމެނޭ ވަރަށް މުހިއްމު އެއް ފީޗާ ކަމަށެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ހުއްދައެއް ނެތުމުން އިތުރު އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް ބުނެފައިވެ އެވެ.
ޓިކްޓޮކަށް ގްރޫޕް ޗެޓް ފީޗާ ގެނެސްފާނެ ކަމަށް ބެލެވޭ އިރު، އޭގެ ޗައިނާގެ ވާޝަން ޑޮޔުންގައި 2019 ގައި ގްރޫޕް ޗެޓް ފީޗާ ހިމަނާފައިވެ އެވެ.
ޓިކްޓޮކަކީ ކުރިން އެމެރިކާގައި މިއުޒިކަލީގެ ނަމުގައި ހިންގި އެޕެއް ގަނަގެން ފަހުން 2017 ގައި ބައިޓްޑާންސުން ތައާރަފުކުރި އެޕެކެވެ. މީގެ ހާއްސަ ކަމަކީ މިއުޒިކް ހިމަނައިގެން 15 ސިކުންތުގެ ކުރު ވީޑިއޯތައް ހަދައި އަޕްލޯޑްކުރެވުމެވެ.
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބިލިއަނަކަށް ވުރެ ގިނަ އެވެ. އަދި އެޕް 150 އަށް ވުރެ ގިނަ ގައުމަށް ލިބެ އެވެ.