ފެލިދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި
ފެލިދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ވ. ފެލިދޫގައި އަލަށް ހަދާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އަދި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި އިންޖީނުގެ ވާނީ ޒާމާނީ ވަސީލަތްތަކާ އެކު ހަދާ ފެންވަރު ރަނގަޅު އިންޖީނުގެއަކަށެވެ. އަދި މި އިމާރާތް ރަށުގެ ލޭންޑްމާކަކަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފެލިދޫ އިންޖީނުގެ މިހާރު ހުންނަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށްވުމުން ރައްޔިތުންނަށް ދަތިތަކާ ދިމާވެ އެވެ. އެހެންކަމުން އާ އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ.

މިހާރު ހުރި ޖެނެރޭޓަރުތަކުން 670 ކިލޯވޮޓުގެ އުފައްދަ އެވެ. އާ އިންޖީނުގެ ވެގެންދާނީ ހަތަރު މެގަވޮޓުގެ ކެޕޭސިޓީގެ އިންޖީނުގެއަކަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ފެލިދޫގައި އިންޖީނުގޭގެ އިތުރުން ކަސްޓަމާ ސާވިސް އިމާރާތެއް ވެސް ހަދާނެ އެވެ. މި އިމާރާތުގެ ތިރި ކަސްޓަމަރުންނަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ބުރި ހާއްސަކޮށްފައިވަނީ މުވައްޒަފުންނަށް އޮންލައިން ޓްރެއިނިން ދިނުމަށާއި ބައްދަލުވުންތައް ބާއްވާށެވެ.

މި އިމާރާތުގެ ދެވަނަ ބުރި ހެދުމަށް ހަމަޖެހިފައިވަނީ މުވައްޒަފުން ލޮކްޑައުންގައި ތިބެގެން މަސައްކަތް ކުރެވޭގޮތަށެވެ. މިއީ ކޮވިޑް-19ގެ ސަބަބުން މުވައްޒަފުން ލޮކްޑައުންގައި ތިބެން ޖެހުމުން އެކަމަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި އިންޖީނުގެއަކީ އަޑު މަޑު ތަނަކަށް ވާނެ ކަމަށާއި އެތަނުގައި ސޯލާ ޕެނަލްވެސް ހަރު ކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.