ބާލުސްކޯނީ ވިދާޅުވަނީ އޭނާއާ ޓްރަމްޕާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް
ބާލުސްކޯނީ ވިދާޅުވަނީ އޭނާއާ ޓްރަމްޕާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް

މިލާން (ނޮވެމްބަރު 13) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕާއި އޭނާއާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބާލުސްކޯނީ ވިދާޅުވެއްޖެ އެވެ.

އިޓަލީގެ ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބާލުސްކޯނީ ވިދާޅުވީ އެމެރިކާގެ ރައްޔިތުން އެ ވަނީ ވެރިކަމަށް ޓްރަމްޕް ހޮވާފައި ކަމަށާއި ދެން "އޭނާ އަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭ" ކަމަށެވެ.

ބާލުސްކޯނީ އާއި ޓްރަމްޕް ވެސް ސިޔާސީ ދާއިރާ އަށް ވެންނެވީ ބޮޑެތި މަހުޖަނުންގެ ގޮތުގަ އެވެ. ބާލުސްކޯނީ އަކީ މީޑިއާގެ ދާއިރާގެ ވިޔަފާރި ވެރިއެކެވެ. ޓްރަމްޕަކީ ރިއަލް އެސްޓޭޓް ވިޔަފާރި ވެރިއެކެވެ. ދެ ބޭފުޅުންނަށް ވެސް ވަނީ ގާނޫނީ ގޮތުން މައްސަލަތައް ދިމާވެފަ އެވެ. އެކަމަކު ބާލުސްކޯނީ ގޮތަށް ޓްރަމްޕް ކުށްވެރިވެފައެއް ނުވެ އެވެ.

އަންގާރަ ދުވަހުގެ އިންތިޚާބުގައި ހިލަރީ ކްލިންޓަންގެ މައްޗަށް ކާމިޔާބު ހޯއްދެވި އުމުރުން 70 އަހަރުގެ ޓްރަމްޕަކީ އެމެރިކާގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 3.7 ބިލިއަން ޑޮލަރަށް އަރަ އެވެ. އިޓަލީގެ ބޮޑު ވަޒީރުކަން ހަތަރު ދައުރުކޮށްފައިވާ 80 އަހަރުގެ ބާލުސްކޯނީގެ މައްޗަށް ޖިނާއީ ދައުވާތައް ކުރުމުގެ ކުރިން އޭނާގެ މިލްކުގައި 5.9 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.

ދެ ބޭފުޅުންގެ މެދުގައި ހުރި އެއްގޮތް ކަންތައްތަކަކީ ކޮބައިތޯ އިޓަލީގެ ނޫހުން ސުވާލު ކުރުމުން ބާލުސްކޯނީ ވިދާޅުވީ ވަރަށް އެގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ތަފްސީލް ނުދެއްވަ އެވެ.

އެކަމަކު މީޑިއާތަކުން ފާހާގަކޮށްފައިވާ ގޮތުގައި ޓްރަމްޕާއި ބާލުސްކޯނީގެ އެއްގޮތް ކަންތަކުގެ ތެރޭގައި ދެ ބޭފުޅުންގެ މައްޗަށް ތުހުމަތުކޮށްފައިވާ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހިމެނެ އެވެ. އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ބައެއް އަންހެނުން ވަނީ ޖިންސީ ގޮތުން ގޯނާ ކުރި ކަމަށް ބުނެ ޓްރަމްޕާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ދެ ބޭފުޅުންގެ އެއްގޮތް ކަންތައްތަކާ ބެހޭ ގޮތުން އިޓަލީގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ އެއީ "ޓްރަމްޕުސްކޯނީ" ކަމަށް ބުނެފަ އެވެ.