17 މާޗް 2021 - 11:52

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް އަދި ދޭން ނުފަށާ ކަމަށާއި އެކަމަކު ހާއްސަ ހާލަތްތަކުގައި ބައެއް މީހުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.
އެޗްއީއޯސީން ބުނިގޮތުގައި މިހާރު ވެކްސިންގެ ދެ ވަނަ ޑޯޒް ދެނީ، އިމަޖެންސީ ހާލަތްތަކުގައި ނުވަތަ ދަތުރެއް ކުރަން ޖެހިފައި އޮތުމުން، ވެކްސިން ޖަހަން އަށް ހަފުތާ ފަހުން ނާދެވޭ މީހުންނަށެވެ. މި ހާލަތްތަކުގައި ވެކްސިން ދޭނީ، އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުން ކަމަށް ވެސް އެތަނުން ބުންޏެވެ.
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ނިންމާފައި ވަނީ، ފުރަތަމަ ޑޯޒް ދިންތާ އަށް ހަފުތާ ފަހުންނެވެ.
ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު އަންނަ ހޮނިހިރު ދުވަހު ހާއްސަ ކެޓަގަރީގެ މީހުންނަށް ވެކްސިން ދޭން ފަށާނެ އެވެ.
އެއީ، އުމުރުން ދުވަސްވީ މީހުން، ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެ އިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން، މާލެ އިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނެވެ.
ރާއްޖޭގައި މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ވެކްސިން ދީފަ އެވެ.
އިންޑިއާ ސަރުކާރާއި ކޮވެކްސް ފެސިލިޓީގެ ދަށުން 212،000 ކޮވިޝީލްޑް ވެކްސިން ލިބިފައި ވެ އެވެ. އަދި ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ ފެސިލިޓީގެ ދަށުން 108،000 ޑޯޒް ރާއްޖެ އަށް ލިބޭނެ އެވެ. ކޮވެކްސް މިހާތަނަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 12،000 ޑޯޒެވެ. އޭގެ ބާކީ ބަޔާއި ފައިޒާ ވެކްސިންގެ 5،850 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.