އަންނަ މަހު ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަނީ
އަންނަ މަހު ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަނީ

އަންނަ މަހު އެއް ވަނަ ދުވަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބު ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

އިންތިހާބު ބޭއްވުމާ އެކު މިިދިޔަ ދެ އަހަރެއްހާ ދުވަހު ހައްލެއް ނުލިބި އޮތް ވީއޭއެމްގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ އެވެ.

ވީއޭއެމް އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވަނީ 2019 ވަަނަ އަހަރުގެ ނޮވެމްބަރު މަހު ސްވިޓްޒަލެންޑްގައި މަޝްވަރާކުރައްވައިފަ އެވެ. އެ ފަހަރުގެ މަޝްވަރާތަކަށް ފަހު އެފްއައިވީބީން ވަނީ ވީއޭއެމްގެ ކަންތައްތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ހާއްސަ އެޑްހޮކް ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ލަތީފްގެ ފަރާތުން މެމްބަރެއް ހިމެނެ އެވެ. އެ ކޮމިޓީގެ މަސައްކަތްތައް ރަނގަޅު ދުވެއްޔެއްގައި ދަނިކޮށް ކޮވިޑް-19ގެ ސަބަބުން ލަސްތަކެއް ކުރިމަތިވި އެވެ.

އެޑްހޮކް ކޮމިޓީގައި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ހިމެނިވަޑައިގަންނަވާ އެ ކޮމިޓީގެ މެމްބަރު އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު "މިހާރު" އަށް މިއަދު ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ރާއްޖޭގެ ވޮލީ ހިންގުމުގައި މި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް ކޮމިޓީން ކުރި މަސައްކަތުގައި އެންމެ ފަހުން އަލިމަގެއް ފެނިފައިވާ ކަމަށެވެ.

"ވަރަށް ގިނަ ގޮތްގޮތުން ކުރެވުނު މަސައްކަތަށް ފަހު މިހާރު މި އޮތީ މި މައްސަލައިގައި ހައްލެއް ހޯދިފައި. މިހާރު މި އޮތްގޮތުން މި މަހު 24 ވަނަ ދުވަހު އޮންނާނެ އަޅުގަނޑުމެން ކުރި މަސައްކަތުން ވީއޭއެމްގެ ފުރިހަމަ މެމްބަރުން ގޮތުގައި ފާހަގަކުރެވުނު ކްލަބްތާ އެއްކޮށް ބޭއްވޭ ބައްދަލުވުމެއް. އޭގެ ހަތް ދުވަސް ފަހުން އިލެކްޓޯރިއަލް ކޮންގްރެސް އިންތިހާބު ބޭއްވިގެންދާނެ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ކޮމިޓީން މިހާތަނަށް ކުރެވިގެންދިޔަ މަސައްކަތުން ފެނިގެންދިޔަ އެއް ކަމަކީ ވޮލީބޯޅަ ކޮމިއުނިޓީ ތެރޭގައި އެކި ކަހަލަ ކަންކަމުގައި ހިޔާލު ތަފާތުވުންތައް ގިނަވެ، މައްސަލަތަކެއް އޮތްކަން ކަމަށާއި އުއްމީދަކީ އާ އިންތިހާބެއް ބޭއްވި ދެން ވޮލީގެ މަސައްކަތްތައް ފަށާއިރު މި ކަހަލަ ކަންކަމަށް ރަނގަޅު ހައްލެއް ލިބިގެންދިއުން ކަމަށެވެ.

"އަސްލު ފެނިގެންދިޔައީ ވޮލީ ކޮމިއުނިޓީ ތެރޭގައި އެކަކު ކުރާ މަސައްކަތެއް އަނެކަކަށް ކަމު ނުގޮސްގެން ދެން މި ކަހަލަ ކަންތައްތަކުގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތަކާ ހެދި ވޮލީ ހިންގުމުގެ މަސައްކަތްތައް މަޑުޖެހިފައި މި އޮންނަނީ. އިރާދަކުރެއްވިއްޔާ އުއްމީދަކީ މި ކަހަަލަ މައްސަލަތަކަށް އާ އިންތިހާބަކަށް ފަހު ހައްލެއް ލިބިގެންދިއުން،" މޫސަ ވިދާޅުވި އެވެ.

ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕާ ގުޅޭ މައްސަލަތަކެއް ބަލައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ޖޫން 11، 2019 ގައި ލަތީފްގެ ލީޑަޝިޕް އުވާލައްވައި ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހިންގުން ހަވާލުކުރައްވައިފަ އެވެ. އެ ނިންމުމާ ދެކޮޅަށް ލަތީފް ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. މިދިޔަ ޖެނުއަރީ މަހު ސިވިލް ކޯޓުން ވަނީ އެ މައްސަލައިގައި ލަތީފާ ދެކޮޅަށް ހުކުމްކޮށްފަ އެވެ.

ނޯމަަލައިޒިން ކޮމިޓީން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 24 ވަނަ ދުވަހު އިންތިހާބެއް ބާއްވަން ތާވަލުކުރި ނަމަވެސް ފަހު ވަގުތު ކެންސަލްކުރީ ހައްލުކުރަން ޖެހޭ މައްސަލަތަކެއް ސްޕޯޓްސް ކޮމިޝަނަރަށް ފާހަގަވުމުންނެވެ. ދުނިޔޭގެ ފެޑެރޭޝަނުން ވެސް ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ބަލައިނުގަތްއިރު، އެ ކޮމިޓީގެ ދައުރު ހަމަވެ، އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 31 ވަނަ ދުވަހު ވީއޭއެމްގެ މެމްބަރު ކްލަބްތަކުން އިސްނަގައިގެން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ ކްލަބްތަކުން ވަނީ އެ އެސޯސިއޭޝަނުގެ ރައީސް ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފަ އެވެ.

ކްލަބްތަކުން ލަތީފްގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ވީއޭއެމް ހިންގުން ހަވާލުކޮށްފައިވަނީ ތިން މެމްބަރުންގެ އިންޓަރިމް ކޮމިޓީއަކާ އެވެ. އެކަމަކު ބައިނަލްއަަގުވާމީ ޖަމިއްޔާތަކުން ވޮލީގެ ކަންކަމުގައި މުއާމަލާތް ކުރަމުން އައީ އިންތިހާބީ ރައީސްގެ މަގާމުގައި ހުރި ލަތީފްއާ އެވެ. މިދިޔަ އޮކްޓޫބަރު މަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ލަތީފް ވަނީ އިންތިހާބުވެފަ އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައިވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. ލަތީފަށް ވީއޭއެމްގެ ރައީސް ކަން ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ. އެ އިންތިހާބު ބޭއްވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެއް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ގުނާނަމަ މިދިޔަ އޮކްޓޫބަރު މަހު އެއް ވަނަ ދުވަހާ ހަމައަށް ލަތީފްގެ ދައުރުގެ ހަތަރު އަހަރު ހަމަވާނެ އެވެ.

ނަމަވެސް އެކްޓިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި އިބްރާހިމް އިސްމާއިލް ހުންނެވިއިރު، 2019 ވަނަ އަހަރު ވީއޭއެމް އަށް ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން ލަތީފްގެ ލީޑަޝިޕްގައި އެންމެ ފަހުން ހިންގާ ކޮމިޓީއަށް ގެނެވިފައިވާ ބަދަލުތަކާ އެކު ހިންގާ ކޮމިޓީގެ ދައުރު ހަމަވާނެ ކަމަށް ކަނޑައަޅާފައި އޮތީ މިދިޔަ މަހު މަހުގެ 22 ވަނަ ދުވަހެވެ.

މީގެ ކުރިން ލަތީފް ވަނީ ވީއޭއެމްގެ ރައީސަކު ހޮވަން ދެން ބާއްވާ އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.