19 މާޗް 2021 - 10:05

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިންގެ ފަހު ދެ ޖާގަ އަށް އީގަލްސް އިން ލެބަނަން އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުނު ގޯލްކީޕަރު މުހައްމަދު ތޯހާ އާއި ޔޫރަޕްގެ ތިން ގައުމެއްގައި ކުޅެފައިވާ ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން ގެނެސްފި އެވެ.

އީގަލްސް އިން މި ސީޒަން ފެށީ އެއްވެސް ބިދޭސީ ކުޅުންތެރިއަކު ނުލަ އެވެ. އެކަމަކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ވަކި ހިސާބަކުން ހަތަރު ބިދޭސީ ކުޅުންތެރިން އެ ޓީމާ ގުޅުނެވެ. އީގަލްސް އިން ފުރަތަމަ ގެނައި ހަތަރު ބިދޭސީ ކުޅުންތެރިންނަކީ ބޮސްނިއާގެ ގޯލްކީޕަރު މިލާން ޔެލޮވަކް، ޔަމަނުގެ މިޑްފީލްޑަރު އޮސާމާ އަންބާރު، މިސްރުގެ ފޯވާޑް މުހައްމަދު އޮސާމާ އަދި ބުރްކީނާ ފާސޯގެ ޑިފެންޑަރު އިސްމާއިލް ޔަނޯގޯ އެވެ.
މި މަހު 1 އިން 15 ގެ ނިޔަލަށް ކުރިއަށްދިޔަ ޓްރާންސްފާ މާކެޓްގައި އީގަލްސް އިން ވަނީ މިސްރުގެ އޮސާމާ ފިޔަވައި ދެން ތިބި ތިން ކުޅުންތެރިން ބަދަލުކޮށްފަ އެވެ. އީގަލްސް އިން އެންމެ ފުރަތަމަ ގެނައި ބިދޭސީ ކުޅުންތެރިއަކީ ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެމުންދިޔަ މިސްރުގެ ޑިފެންޑަރު އެލްސައީދު އެވެ. ދެން އީގަލްސް އިން ސޮއިކުރީ ގޯލްކީޕަރު ތޯހާ އާއި ފޯވާޑް ކޮރްމިޝިން އެވެ.
ލެބަަނަންގެ އުމުރުފުރާ ޓީމުތަކަށް ކުޅުނު އުމުރުން 22 އަހަރުގެ ތޯހާ ވަނީ ކްލަބް ލެވަލްގައި ލެބަނަން ފުރަތަމަ ޑިވިޝަނުގެ ތިން ޓީމަކަށް ކުޅެފަ އެވެ. އެއީ ސަފާ ބެއިރޫތު ސްޕޯޓްސް ކްލަބާއި ޝަބާބް ބޫރުޖް އަދި އަލް-އަހްލީ އަށެވެ.
އުމުރުން 25 އަހަރުގެ ކޮރްމިޝިން ޔޫތު ލެވަލްގައި ވަނީ ރަޝިއާގެ ޗެރްޓަނޯވާ މޮސްކޯ އާއި ސްޕާޓާ ދެ ވަނަ ޓީމަށް ކުޅެފަ އެވެ. އޭނާ އެންމެ ފުރަތަމަ ފެށީ ރަޝިއާ ދެ ވަނަ ޑިވިޝަނުގެ ނެފްޓެކިމްހިކުންނެވެ. އޭގެ ފަހުން އޭނާ ވަނީ ރަޝިއާގެ ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ޓީމުތައް ހިމެނެ އެވެ. ކޮރްޝިމިން ވަނީ ލެޓްވިއާގެ ފުރަތަމަ ޑިވިޝަނުގެ ނޯއާ ޔުރްމާލާ އަދި ތުރުކީ ހަތަރު ވަނަ ޑިވިޝަންގެ މޮޑާފެން އަށް ކުޅެފަ އެވެ.
ޓްރާންސްފާ މާކެޓްގައި އީގަލްސް އިން ވަނީ ލޯކަލް ތިން ކުޅުންތެރިން ވެސް ޓީމުގައި ހިމަނައިފަ އެވެ. އެއީ ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ). ބ. އޭދަފުއްޓަށް ނިސްބަތްވާ ކުރިން އީގަލްސް އަށް ވެސް ކުޅުނު މުހައްމަދު ފާސިރު (ފާއްޓޭ) އަދި މުހައްމަދު ރިފާއު ހަސަން އެވެ.
އޭއެފްސީ ކަޕްގައި މި ފަހަރު މުޅިން އަލަށް ވާދަކުރާ އީގަލްސް އިން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގައި ނުކުންނާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ. އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ބޮޑީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ. ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައި ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ޕްލޭއޮފްގައި އީގަލްސް ކުޅެންޖެހޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމުން އަންނަނީ މި މަސް ތެރޭ އަލުން ލީގު ފެށޭތޯ މަސައްކަތްކުރަމުންނެވެ. ލީގު އަލުން ފަށާ ދުވަހު އީގަލްސް އިން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.
ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އީގަލްސްއާ ހަވާލުވި ފަހުން އެ ޓީމު އަދި މެޗެއް ނުކުޅެ އެވެ. އަށް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އީގަލްސް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.