18 މާޗް 2021 - 08:08

ޓީވީ ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ ބަތަލާ މޯނީ ރޯއި ވަރަށް އަވަހަށް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މޯނީގެ ކައިވެނީގެ ވާހަކައިގެ އަޑު ގަދަވެފައި މި ވަނީ އޭނާ 2019 ގައި އެންގޭޖްވެފައިވާ ކަމަށް ވެސް އަޑު ފެތުރިފައި ވަނިކޮށެވެ. މީޑިއާތަކުން ބުނީ މޯނީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާ ދަރިކޮޅުގެ ދުބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޫރަޖް ނަމްބިއާއާ ކަމަށެވެ. ފަހަކަށް އައިސް މޯނީ އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމަކީ ވެސް ޔޫއީއީ އެވެ.
ކޮވިޑް-19 އާ ހެދި މިދިޔަ އަހަރު އިންޑިއާގެ ދިގު ލޮކްޑައުންއަކަށް ދިޔަ އިރު، މޯނީ މިދިޔަ އަހަރުގެ ބޮޑު ބައި ހޭދަކުރީ ވެސް ޔޫއޭއީގަ އެވެ. އެ ދުވަސްވަރު އޭނާ އެ ގައުމުގައި ނަގާފައިވާ ފޮޓޯތަކުގެ ތެރޭގައި ސޫރަޖްގެ އާއިލާގެ މީހުންނާ އެކު ނަގާފައިވާ ފޮޓޯތައް ވެސް ހިމެނެ އެވެ.
ސޫރަޖާއި މޯނީ ކައިވެނިކުރަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވުނަސް އެކަމާ ބެހޭ ގޮތުން މޯނީ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ އަކީ އަބަދު ވެސް ޒާތީ ކަންކަން ވަރަށް ފޮރުވައިގެން އުޅޭ ބަތަލާއެކެވެ. މޯނީ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި އެކަކީ ޓީވީ ސިލްސިލާތަކަށް ފަހު، މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ މޯހިތު ރައިނާ އެވެ. އެކަމަކު އެ ގުޅުމަށް ދެ މީހުން ވެސް އެއްވެސް އިރެއްގައި އެއްބަސްވެފައެއް ނުވެ އެވެ.
ޓައިމްސް އިންޑިއާ އިން ބުނިގޮތުގައި މޯނީ، 35، ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، މި ހަފުތާގެ ތެރޭގައި އޭނާގެ އާއިލާ އާއި ސޫރަޖްގެ އާއިލާ މީހުން މުމްބާއީގައި ބައްދަލުކޮށް ކައިވެނީގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ވެސްކޮށްފައިވެ އެވެ. އެ ބައްދަލުވުން އޮތީ މޯނީގެ ގާތް އެކުވެރިޔާ ބަތަލާ މަންދިރާ ބޭދީގެ ގޭގަ އެވެ. ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް މޯނީ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވެ އެވެ.
"ނާގިން" އާއި "ދޯ ސަހޭލިޔާ" އާއި "ދޭވޯން ކޭ ދޭވާ...މަހާދޭވްް" އަދި "ކިޔު ކީ ސާސް ބީ ކަނީ ބަހޫތީ" ފަދަ ސލްސިލާތައް ކުޅުނު މޯނީ ލީޑް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ އަކްޝޭ ކުމާރުގެ 2018 ގެ ފިލްމު "ގޯލްޑް" އިންނެވެ. އޭގެ ޖޯން އަބްރަހަމާ އެކު "ރޯމިއޯ އަކްބަރު ވޯލްޓާ" އާއި ރާޖްކުމާރު ރާއޯއާ އެކު "މޭޑް އިން ޗައިނާ" މޯނީ ކުޅެފައިވެ އެވެ. އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އެވެ.
މޯނީގެ އާ ވީޑިއޯ ލަވައެއް އަންގާރަ ދުވަހު ނެރެފައިވެ އެވެ. އެ ލަވައިގެ ނަމަކީ "ޕަތުލީ ކަމަރިއާ" އެވެ.