ދެ ވަނަ ލެގުން ވެސް މޮޅުވެ ރެއާލާއި ސިޓީ ކުއާޓާ އަށް
ދެ ވަނަ ލެގުން ވެސް މޮޅުވެ ރެއާލާއި ސިޓީ ކުއާޓާ އަށް

މެޑްރިޑް (މާޗް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުތަކުން ވެސް މޮޅުވެ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ވަނީ 3-1 އިން އިޓަލީގެ އެޓަލަންޓާ ބަލިކޮށްފަ އެވެ. ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅުނު ސިޓީގެ ހޯމް މެޗުން އެ ޓީމު ވަނީ 2-0 އިން ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން މޮޅުވެފަ އެވެ. ރެއާލް ކުރިހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އެގްރިގޭޓުން ސިޓީ އަށް ކުރިލިބުނީ 4-0 އިންނެވެ.

ރޭގެ މެޗުގެ 34 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ދިން ބޯޅައަކުން ރެއާލަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ކަރިމް ބެންޒެމާ އެވެ. މިއީ އެޓަލަންޓާ ކީޕަރު މާކޯ ސްޕޮޓިއޭލޯ އަށް ހެދުނު ގޯހަކުން ޖެހި ގޯލެކެވެ. ރެއާލުން ލީޑުފުޅާކުރީ މެޗުގެ 60 ވަނަ މިނިޓްގައި ސާޖިއޯ ރާމޯސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް އެޓަލަންޓާގެ ރަފައެލް ޓޮލޯއި ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 83 ވަނަ މިނިޓްގައި އެޓަލަންޓާގެ ލުއިސް މުރިއެލް އެ ޓީމަށް ގޯލެއް ޖަހައިދިންތާ މިނިޓެއްގެ ތެރޭގައި ރެއާލްގެ ހަތަރު ވަނަ ގޯލު ޖެހީ މާކޯ އަސެންސިއޯ އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭ 36 ވަނަ ފަަހަރެވެ. މުބާރާތުގެ ތާރީހުގައި ދެން އެންމެ ގިނައިން ކުއާޓާ ފައިނަލް ކުޅުނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެވެ. އެ ޓީމުން ވަނީ 30 ފަހަރު ކުއާޓާގައި ކުޅެފަ އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ ކޯޗުކަމުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގައި 30 މޮޅު ހަމަކުރީ 49 މެޗު ކުޅެގެންނެވެ.

މުންޗެންގްލަޑްބެކް ކޮޅަށް ސިޓީން ލަނޑުތައް ޖެހީ ފުރަތަމަ ހާފުގެ 18 މިނިޓް ތެރޭގަ އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ކެވިން ޑިބްރޭނާ އެވެ. ރިޔާދު މާރޭޒް ދިން ބޯޅަ ޑިބްރޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އިލްކާއި ގުންޑޮގާން ވަނީ ސިޓީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ސިޓީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ބައިކޮޅަށް ލަނޑެއް ނުވަދެ ޖެހިޖެހިގެން ހަތް މެޗު ފުރިހަމަކުރި ތިން ވަނަ ޓީމެވެ. މީގެ ކުރިން އެކަން ހާސިލްކޮށްފައިވާ ދެ ޓީމަކީ 2006 ވަނަ އަހަރު އާސެނަލާއި 2005 ވަނަ އަހަރު އޭސީ މިލާން އެވެ.

ކުއާޓާގެ ޖާގަތައް މިހާތަނަށް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ، ލިވަޕޫލް، ޕޯޓޯ، ރެއާލް އަދި ސިޓީ އެވެ. ފަހު ދެ ޖާގަ އަށް ވާދަކުރާ ހަތަރު ޓީމަކީ ޗެލްސީ، އެތުލެޓިކޯ މެޑްރިޑް، ބަޔާން އަދި ލާޒިއޯ އެވެ. ކުއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނީ ހުކުރު ދުވަހު އެވެ.