17 މާޗް 2021 - 08:04

އާދިއްތަ ދުވަހާ ގުޅޭ
ބަލި ހަނދާނެއް ޒުމްރާގެ ސިކުނޑީގައި ޓަކިޖަހައިލީ އެ ވަގުތުއެވެ. ކުރިން ޒުމްރާ ހީކުރީ އެއީ ކަމަކަށް ނުވާ ކަހަލަ ކަމެއް ކަމަށެވެ. އެ ވާހަކަ އަހަރެން ގާތުގައި ޒުމްރާ ނުބުނީ އެހެންވެއެވެ.
"އިހަކަށް ރޭ ދިމާވި ކަމެއް،" ޒުމްރާ ވިސްނައިލައިފައި ބުންޏެވެ. "ދެން އަނެއްހެން މާ ބޮޑު ކަމެއް ވެސް ނޫން. އެހެންވެ އެ ވާހަކަނުދެއްކީ ވެސް. އެކަމަކު ތިހެން އެހީމަ މި ބުނަނީ. ހައިފާ ކާން އިންދައި އޭނައަށް ހީވި ކާމޭޒު ކައިރިން ކުއްޖަކު ހުރަސްކުރިހެން."
ދިވެހިރާއްޖެއަށް އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. ދެ ހާސް އެކާވީސް ވަނަ އަހަރު މީހުން ދިރިއުޅޭ ގޭގެއަކީ ކުރިން ކޮން ތަނެއް ކަމެއް ނޭނގެއެވެ. ބެލޭނެ ގޮތެއް ވެސް ނެތެވެ. ވަލުތެރެއަށް ވެދާނެއެވެ. ނާމާން ހިސާބަކަށް ވެސް ވެދާނެއެވެ. ދިވެހިން ކުރިން އަޅުކަން ކުރީ ބުދަށެވެ. ވީމާ ގެ ހުރި ތަނުގައި ކުރިން ފައްޅިއެއް ވެސް ހުރެދާނެއެވެ. އަނިޔާވެރި ރަސްކަލަކު ދިރިއުޅުނު ކިއްލާއެއް ހުރި ތަނަކަށް ވެސް ވެދާނެއެވެ. އެ ފަދަ ތަންތަނުގެ ފާރަވެރިން ކަމުގައި އިންސާނުން ނޫން ބަޔަކު އިހުތިޔާރުކުރުމަކީ އެއް ޒަމާނެއްގައި އާންމު ކަމެކެވެ. ފަހުން ކޮންމެ ތަނެއް އެ ބިމުގައި ހެދިޔަސް، ފާރަވެރިން ޒިންމާ އަދާކުރުމުގައި ދެމިތިބޭނެއެވެ. ތަނުގެ އަހުލުވެރިންގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެއްޔާ ކޮންމެވެސް ކަހަލަ އިންޒާރެއް ދޭނެއެވެ. އެއީ ފޮތްފޮތުން އަހަންނަށް ކިއިފައިވާ މައުލޫމާތެވެ.
"ކިހާ އިރަކު؟" އަހަރެން އެހީމެވެ.
"ދެ ނަމާދު ދޭތެރެ އެހާ ކަންހާ އިރު،" ޒުމްރާ ޖަވާބުދިނެވެ. "ހަތްގަޑި ބައިގައެއްނު ބަންގި ގޮވަނީ. ހަތްގަޑި ވިހި އެހާކަންހާ އިރު. އޭނަ ޓަސްލާފަ ބުނި ކޮން ކުއްޖެއްހޯ އެ ދިޔައީ؟ އެކަމަކު ކޮން ކުއްޖެއްތަ މި ގޭގަ އުޅޭނީ؟ އެންމެ ހަތަރު މީހުން އުޅޭ ތަނެއް. ކުއްޖަކަށް އުޅޭނީ ހައިފާ އެކަންޏެއްނު!"
ވިސްނާލަން އަހަންނަށް މަޖުބޫރުވިއެވެ. ޒުމްރާ ބިރުގަންނަވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ބޭރުން ވަނީ؟" އަހަރެން އެހީމެވެ. "މި ބުނީ އެ ގޮތަށްހޭ ހައިފާއަށް ފެނުނީ؟"
"ނޫން! އޭނަ ބުނި ގޮތުން ވިއްޔާ މޭޒު ތަންދޮށުން ނުކުމެގެން ގޮސް މަންމަ ކޮޓަރިޔާ ދިމާއަށް ދިޔައީ،" ޒުމްރާ ބުންޏެވެ. "ހައިފާ ބެލީ ވެސް އެ ދިމާއަށް. ނިކަން ބާރަށް ދުވެފަޔޯ ދިޔައީ. އެހެން ބުނީ. އަހަންނެއް ނުދެކެން. މަ އެހިން ކޮން ކަހަލަ ކުއްޖެއްހޭ؟ ޝެޑޯއެއް ގޮތަށޯ ފެނުނީ ބުނީ."
އާންމު ދިރިއުޅުމުގައި ހިނގާ ކުދިކުދި ކަންތައްތަކަކީ، ކޮންމެ ފަހަރަކު މާ ބޮޑު ސަމާލުކަމެއް ދެވޭ ކަންކަމެއް ނޫނެވެ. އެ ފަދަ ކަންކަން ހަނދާންވަނީ ވެސް އަދި އެ ފަދަ ކަމަކަށް ޝައްކު ކުރެވެނީ ވެސް ކަމެއް ދިމާވީމައެވެ. ހައިފާއަށް ކުރިމަތިވި ކަންތަކާއި، ޒުމްރާ ކިޔައިދިން ހާދިސާގެ ސަބަބުން އަހަރެން ވެސް އެހެން ހަނދާނެއް ވިއެވެ. އެއީ ހައިފާ ވަރަށް ކުޑަ އިރު ހިނގި ކަމެކެވެ. އެ ކަމާއި ހައިފާ މަންމަންވުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް އަހަންނަކަށް ނޭނގެއެވެ.
ހައިފާގެ އުމުރުން އޭރު އަހަރު ވެސް ނުވެއެވެ. އޭރު ގެ ހުރީ ޒަމާނީ ފެންވަރަށް ނަހަދައެވެ. އަހަރެންގެ މުސްކުޅި ގެއަކީ ގަސް ގިނަ، ބޮޑު ގޯއްޗެކެވެ. އަހަރުމެން އުޅުނު ކޮޓަރި ވެސް ވަރަށް ބޮޑެވެ. ހައިފާ ގެނެސް ކުޑަ އެނދުގައި ބޭއްވުމުން އަބަދުވެސް ހައިފާ ބަލަހައްޓައިގެން އޮންނަނީ ކޮޓަރީގެ ހުޅަނގު ފަރާތުގެ މަތީ ކަނަށެވެ. ހައިފާ ކަނަށް ބަލަހައްޓައިގެން އޮންނަ އިރު އޭނަގެ ސަމާލުކަން އަތުލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން އޮންނަ އިރު ހައިފާ ވަރަށް މަޖާވެފައި ހެޔެވެ. އޭނައަށް ލެއްވޭ އަޑުތަކެއް ލައްވައެވެ. ކިޔޭ އެއްޗެއް ކިޔައެވެ. އަހަންނާއި ޒުމްރާ ވެސް އެ ކަނަށް ބަލަމެވެ. އަނދިރިކަން ފިޔަވައި އެހެން އެއްޗެއް، އެ ކަނަކުން އަހަރުމެންނަކަށް ނުފެނެއެވެ. އަހަރުމެން ހިތަށްއެރިއެވެ. ސަމާލުކަން ހުއްޓޭ ފަދަ ބޮތްކެއް، ހެލޭ އެއްޗެއް، އަލި ކުލައެއްހާ ހިސާބު ވެސް ނެތް ތަނަކަށް ހައިފާ ބަލަނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބެއް އަހަރުމެންނަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ ހައިފާ އެ ކަމެއް ކުރަނީ ދެ ނަމާދު ދޭތެރޭ ވަގުތެއްގައިކަމެވެ. އެ ދުވަސްވަރު ގޭގައި ޤުރުއާނުގެ އާޔަތްތައް ހަރުކޮށްފައި ހުރެއެވެ. ކޮންމެ ކޮޓަރިއަކާއި ބޮޑުކޮޓަރީގައި ވެސް ކުރުސި ހަރުކޮށްފައި ހުރެއެވެ. އައިސްއަލަމާރި މަތީގައާއި، ކޮޓަރީގެ މޭޒުމަތީގައި ކުދިކުދި ލޯގަނޑު ވެސް ހުރެއެވެ. ކޮޓަރީގައި އަހަރުމެން ނަމާދުކުރަމެވެ. ހުކުރު ދުވަހު ކަހަފު ސޫރަތް ވެސް ކިޔަވަމެވެ. އެ ފަދަ އެތައް ކަމަކާ އެކުގައި ވެސް ހައިފާގެ ފަރާތުން ފެނުނު ހައިރާންވާ ހަރަކާތްތަކަށް ހުއްޓުމެއް ނައެވެ.
ހައިފާ ކަނަށް ބަލާތީ ކަންބޮޑުވެގެން އަހަރުމެން އަހަރުމެންނަށް އެ ވާހަކަދައްކައި އުޅުނީމެވެ. ހައިފާގެ އުމުރުން ދެ އަހަރު ވަންދެން އެ ކަމެއް ހިނގިއެވެ. މަންމަ ބުނި ގޮތުގައި ކުރީ ޒަމާނުގައި ގިފިލި ތެރޭގައި ހުންނަ ފަތްކެޔޮ ގަސްތަކުގެ ތެރެއިން އަލިގުޅަ ފެނެއެވެ. ކުކުޅުކޮށީގައި ހުންނަ ކުކުޅުތައް ދަންވަރު ގޮވާ އަޑު އިވެއެވެ. ހެނދުނުވާ އިރު އެކެއް ނޫނީ ދެ ކުކުޅު އޮންނަނީ މަރުވެފައެވެ. ކުކުޅުގެ ކަރު އޮންނަނީ އެނބުރިފައެވެ. ލޮލެއް ނުހުރެއެވެ. އަހަރެން ކުޑަކޮށް ދިރާސާކޮށްލި އިރު، އެ ޒަމާނުގެ ހުރިހާ ގެއެއްގައި ވެސް އެ ފަދަ ވާހަކަތައް ހުރެއެވެ. ތެދެއް ދޮގެއް ނޭނގެއެވެ.
އަހަރެން ހަނދާން ހުންނަން ފެށީއްސުރެ، އިރު އޮއްސުމާއެކު ގޭގައި ގުރުއާން ޖަހަން ފަށައެވެ. ބައެއް ރޭރޭ މަންމަ ވެސް ކިޔަވައެވެ. ހައިފާ ލިބުމުން ހައިފާ ކައިރީގައި ބާއްވައިގެން އަހަންނާއި ޒުމްރާ ވެސް ކިޔަވަމެވެ. ނިންމާލަނީ ރޭގަނޑު އަށެއް ޖެހީމައެވެ. ހައިފާއަށް ދެ އަހަރު ފުރުނު ފަހުން ކަނަށް ބެލުން ހައިފާ ހުއްޓައިލިއެވެ. އެއާއެކު ކިޔެވުން ވެސް ހުއްޓެމުން ގޮސް ހުއްޓުނީއެވެ.
ހައިފާއަށް ކުޑަކުއްޖާ ފެނި އޭގެ ފަހުން ހައިފާ ކުއްލިއަކަށް ހިމޭންވީ، ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުން ވެސް ހިމޭންވެފައި ވަނިކޮށެވެ. އޭރު އެއްވެސް އާޔަތެއް ފާރުގައި ހަރުކޮށްފައެއް ނުހުރެއެވެ. ތަނެއްގައި ބަހައްޓައިފައި ވެސް ނުހުރެއެވެ. ހައިފާއަށް އެ މައްސަލަ ކުރިމަތިވުމުން ވެސް އަހަރުމެން އެ ކަމެއް ނުފަށަމެވެ. މީހަކު ބުނި ގޮތުގައި ޤުރުއާނުގެ އާޔަތްތައް ހުންނަނީ ފާރުގައި ހަރުކޮށް ތަންތަނުގައި ބަހައްޓާކަށް ނޫނެވެ. ޤުރުއާނަކީ ކިޔަވަންޖެހޭ އެއްްޗެކެވެ. އޭގެ މާނައާ މެދު ވިސްނައި، ފިކުރުހިންގައި، އެއަށް ޢަމަލުކުރަން ޖެހޭ އެއްޗެެކެވެ. ފާރުގައި ހިއްޕައި، ހިރަފުސްއަރަން ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ.
ރޭގަނޑު އެންމެން ނިދައި ފައިހިލަވަޅު އޮބުނެވެ. އަހަރެން އޮތީ ހޭލައެވެ. ހައިފާ އޮތީ މެދުގައެވެ. އިރުކޮޅަކުން ހައިފާއަށް ކޮންމެވެސް އުނދަގުލެއް ވާހެން ހީވިއެވެ. ނުވަތަ އޭނައަށް ބިރުގަންނަ ހުވަފެނެއް ފެންނަނީއެވެ. އޭނަ ހޭލަން މަސައްކަތްކުރާހެން ވެސް ހީވިއެވެ. އަހަރެން ހައިފާއާ ދިމާއަށް އެނބުރިގެން ބަލަހައްޓައިގެން އޮތީމެވެ. ކުއްލިއަކަށް ހައިފާ ހަމަހިމޭންވިއެވެ. ލޯހުޅުވައިލިއެވެ. ކުރީ ދުވަހު ހުޅުވައިލި ގޮތަށެވެ. ތިން ސިކުންތެއްހާ އިރު ވަންދެން އަހަންނަށް ބަލަން އޮވެފައި އަނެއްކާ ނިދިއެވެ. އޭގެ ގަޑިއެއްހާ އިރު ފަހުން އަހަންނަށް ވެސް ނިދުނީއެވެ.
ޖެހިގެން އައި ދުވަހު ވެސް ހައިފާ ރަނގަޅެއް ނުވިއެވެ. ގަބުކަމެއް ނުފިލިއެވެ. ރަނގަޅަކަށް ނުކެވެއެވެ. ވާހަކަނުދައްކާނެކަން އެނގޭތީ ކޮންމެހެން ހައިފާ ލައްވައި ވާހަކަދައްކުވާކަށް އަހަރުމެން މަސައްކަތެއް ނުކުރަމެވެ. ސައިބޮއިގެން ހައިފާގެ ކަމަކީ ކޮންމެވެސް ތަނެއްގައި އިށީނދެލައިގެން އިނުމެވެ. އަހަރެންގެ ބޮލަށް ފަސޭހައެވެ. ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ޒުމްރާއާއި އަހަރެން ދުރުގައި ބަލަން ތިބެމެވެ. ގޮތް ހުސްވެފައެވެ. ޑަކުޓަރަކަށް ހައިފާ ދެއްކުމުގެ ހިޔާލެއް އޭރަކު ނާދެއެވެ. އުފެދެނީ ހަމަ އެންމެ ސުވާލެކެވެ. ހައިފާއަށް އެހެންވީ ކީއްވެގެން ހެއްޔެވެ؟ އިސްކޫލު ބަންދު ނޫން ނަމަ، އެ ތަނުގައި ކޮންމެވެސް ހާދިސާއެއް ހިނގީކަމަށް ވެސް ނިންމުނީހެވެ. ކުދިން ތޮޅުމާއި، ގަނާކުރުމަކީ އާންމުކޮށް ހިނގާ ކަންކަމެވެ. އެހެނަސް ހައިފާ ގެއިން ނުވެސް ނުކުމެއެވެ. އަބަދު އުޅުނީ އަހަރުމެންގެ ލޯކުރިމަތީގައެވެ. އަހަރުމެންގެ ގެއަކީ މާ ގިނައިން މެހުމާނުން ޒިޔާރަތްކުރާ ގެއެއް ނޫނެވެ.
"އޭނަ ހިތުގަޖެހުނީބާ؟" ޒުމްރާ މަޑުމަޑުން ބުންޏެވެ.
"ކޮންކަމަކާ؟" އަހަރެން އެހީމެވެ.
"ހައިފާއަށް ކުއްޖަކު ފެނުނޭ ބުނި ހަފުތާގަ އަދި އެހެން ކަމެއް ވެސް ހިނގިއެއްނު!" ޒުމްރާއަށް އަނެއްކާ ވެސް ހަނދާނެއް އައެވެ. "އަނަސްއާ މަންމަޔާ ދެ މީހުންގެ ކޯޅުމެއް ދިޔައެއްނު! ހަނދާން ކޮށްބަލަ! ބުނީމެއްނު ހައިފާ އެ ތާ އިންކަން އެނގުނީ މާ ފަހުންނޭ."
ޒުމްރާ އެހެން ބުނުމުން އަހަރެން އެ ހާދިސާ ހަނދާންވިއެވެ. އޮފީހުގައި ވަރަށް އަވަދިނެތި އުޅެފައި އެ ދުވަހު އަހަރެން ގެއަށް އައީ މެންދުރެއްހާ އިރުއެވެ. މަންމަ ބުނެގެން ކުރުނބައެއް ހިފައިގެންނެވެ. ވަރަށް ހޫނު ގަދަ ދުވަހެކެވެ. ކާކޮޓަރިއަށް ވަން އިރު މަންމަ އިނީ ހައިފާއަށް ކާންދޭށެވެ. ޒުމްރާ ގެޔަކު ނެތެވެ.
"ޒުމްރާ ކައިރީގަ ބުނެބަލަ މި ގަޑީގަ ބޭރަށް ނުގޮސްބަލާށޭ!" ހިތްހަމަނުޖެހިފައި މަންމަ ބުންޏެވެ. "ކުރުނބާ ހަދަން ޖެހިދާނެތީ އެ ފިލީ. އަހަންނަށް ހަމަ ކަށަވަރު."
މަންމައާއި ޒުމްރާއަކީ ދޭތެރެދޭތެރެއިން ހިޔާލު ތަފާތުވާ ދެ މީހުންނެވެ. ވަކި މޫސުމެއްގައި ޒުމްރާ ކުރާ އެއްވެސް ކަމެއް، ކައްކާ އެއްވެސް އެއްޗެއް މަންމައަކަށް ކަމަކުނުދާނެއެވެ. މައްސަލަ ބޮޑުވެގެން ބައެއް ފަހަރު ބޭރުން ވެސް ކާއެއްޗެހި ގެންނަން ޖެހެއެވެ. އަހަންނަކީ މަންމަޔާ ދިމާއަށް އަޑުވީއްލާ އެއްޗެއް ބުނާ މީހެއް ނޫނެވެ. މަންމަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އެކަމަކު ކޮންމެ ކަމަކަށް ވެސް ހައްދެެއް އޮންނަން ޖެހެއެވެ. އެ ދުވަހަކީ އަހަންނަށް ތަންކޮޅެއް ބާރަށް މަންމަޔާ ދިމާއަށް އެއްޗެއް ބުނެވުނު ދުވަހެކެވެ. މަންމަ އެއަށް ރައްދު ދިނުމުން އަނެއްކާ ވެސް އަހަންނަށް ރައްދު ދެވުނީއެވެ. ހައިފާ އެ ތަނުގައި އިންކަން ވިސްނައިނުލެވުނީއެވެ.
"ޑެޑީ!" ހިތްހަމަނުޖެހިފައި ހައިފާ ބުންޏެވެ. "ސްޓޮޕް!"
ނުނިމޭ