17 މާޗް 2021 - 06:51

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާ އެގްރިމެންޓެއް ގެނެސް އޭގައި ސޮއިކުރަން ދޫ ނުކުރާނެ ކަމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގެ އެގްރިމެންޓާ ގުޅޭގޮތުން އެމްއެންޑީއެފުން ބޭއްވި ނިއުސް ކޮންފަރެންސްގައި، މޭޖާ ރެންކުގައި މި ވަގުތު ތިއްބެވި 10 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ފިޔަވައި ދެން ތިއްބެވި ހުރިހާ އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެ ނިއުސް ކޮންފަރެންސްގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ސިފައިންނަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގުކޮށް އަސްކަރިއްޔާގެ ދިފާއުގައި ތެދުވެވަޑައިގެންފަ އެވެ. ޒަކަރިއްޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް، ސިފައިންނަށް ވުރެ ބޮޑަށް ގުރުބާންވި އެހެން މުއައްސަސާއެއް ރާއްޖެއަކު ނޯންނާނެ ކަމަށެވެ.
މި ތަނުގައި ތިބެގެން ރާއްޖޭގެ މިނިވަންކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ސިފައިން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި އޭނާ ވިދާޅުވީ ދިވެހިންގެ ހިތުގައި އެ ޔަގީންކަން އަބަދު ވެސް އޮންނަންޖެހޭ ކަމަށެވެ.
"އެހެންވީމަ، އަޅުގަނޑުމެން މިތާގައި ތިބެގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން އަރުވަން. ހަމައެއާއެކީގައި، ދިވެހި ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންގެ މައްޗަށް ވެސް ދެއްވުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" ބަންޑާރަކޮށީގެ އާ އިމާރާތުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ ވަނީ، ރާއްޖެއަށް ދިމާވި ކޮންމެ ހާލަތެއްގައި ވެސް ސިފައިންނަށް ވުރެ ބޮޑަށް ގުރުބާންވި ބަޔަކު ތިބިތޯ ސުވާލު އުފައްދަވައިފަ އެވެ.
ޒަކަރިއްޔާ ވިދާޅުވީ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ އެތައް ދުވަހަކު ސިފައިންގެ ހިދުމަތުގައި ތިއްބެވި ބޭފުޅުންނެވެ.
"އަޅުގަނޑުމެންނެއް ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ފަދަ ކްލޯސްތަކެއް ނުވަތަ މާއްދާތަކެއް މިފަދަ އެގްރިމެންޓެއްގައި ގެނެސްގެން އޭގައި ސޮއިކުރާކަށް އަޅުގަނޑުމެންނެއް ދުލެއް ނުކުރާނަން. އެއީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭ ވާހަކަ، ހަތިޔާރު ބޭނުންވީމަ ގެންނަ ވާހަކަ، ނޫނީ އެހެން ގައުމުތަކުގެ މީހުން ބޭނުން އިރަކު އައިސްފައި ގޮސް އަޅުގަނޑުމެންގެ ތެރެއިން ދެވޭ ވާހަކަ. މި ފަދަ ކަންކަމެއް ކުރާކަށް އަޅުގަނޑުމެންގެ ތެރެއަކުންނެއް އަޅުގަނޑުމެން ވެސް ދުލެއް ނުކުރާނެ،" ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ބައިވެރިވެވަޑައިގެންނެވި ކޮންފަރެންސްގައި ޒަކަރިއްޔާ ވިދާޅުވި އެވެ.
ސިފައިންނަށް އަމާޒުކޮށް އެފަދަ އަސްލެއް ނެތް ވާހަކަތައް ނެރުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށާއި ސިފައިންނާ ގުޅޭގޮތުން އެގޮތަށް ވާހަކަ ނުދެއްކުމަށް ވެސް ޒަކަރިއްޔާ އިލްތިމާސްކުރެއްވި އެވެ.
"...އަޅުގަނޑުމެންގެ ލީޑަޝިޕަކަށް އެ ދައްކާ ވާހަކައަކުންނެއް އެއްވެސް ކަހަލަ ދޯހަޅިކަމެއް ނާންނާނެ. އެމްއެމްޑީއެފްގެ ލީޑަޝިޕް މި އޮތީ ވަރަށް އެކަތިގަނޑަކަށް،" ޒަކަރިއްޔާ ވިދާޅުވި އެވެ.
ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ވިދާޅުވީ ސިފައިންނާ ގުޅޭގޮތުން ދައްކާ ދޮގު ވާހަކަތަކުން ނުކުންނަ ނުރައްކާ ނަތީޖާއެއް އެބަ އޮތް ކަމަށެވެ. އެއީ، ވައިސް ވިދާޅުވި ގޮތުގައި، ދިވެހިންގެ ހިތުގައި ރާއްޖޭގެ ރައްކާތެރިކަމާ މެދު ލޮލުމެއް އަންނަ ކަން ނުވަތަ އަސްކަރިއްޔާގައި އެ ގާބިލްކަން ނެތުމުގެ ސަބަބުން އެ ކަމަށް އެހެން މީހުންނަށް ބަރޯސާ ވަމުންދާ ކަމަށެވެ.
ވައިސް ވިދާޅުވީ އަވަށްޓެރި ގައުމުތަކަށް ރައްކާތެރިކަން ލިބުމުން އެކަމުގެ ފައިދާ ރާއްޖެއަށް ވެސް ކުރާ ކަމަށެވެ.
ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގް ވިދާޅުވީ ސިފައިންގެ ކުރިއެރުމެއް ހިންގާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ދައްކާ ދޮގު ވާހަކަތަކުގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.
"އަޅުގަނޑު ވެސް އިލްތިމާސަކީ މި ފަދަ ޑިވެލޮޕްމަންޓަށް ކުރެވޭ ކަންކަމުގައި މުއައްސަސާއަށް އަދި ގައުމަށް ފައިދާ ލިބޭ ކަންކަމުގައި އެއްވެސް ފަރާތަކުން މިފަދަ ކަންކަމުގައި ވާހަކަނުދައްކައި މީގެ ހަގީގަތަށް ވާހަކަދެއްކުން. އެއީ ވަރަށް މުހިއްމު ކަމެއް ގޮތުގައި ފާހަގަކުރަން،" ހާމިދު ވިދާޅުވި އެވެ.
"ހަމައެއާއެކު، އަޅުގަނޑުމެންނަކީ ލާރިކޮޅަކަށް ނުވަތަ 2،000 ޑޮލަރަށް ވިކިގެންދާނެ ބައެއް ނޫން. އެއަށްވުރެ އަޅުގަނޑުމެންގެ ކްރެޑިބިލިޓީ މާ ބޮޑުވާނެ. އަޅުގަނޑުމެންގެ ނަފްސުގެ ކްރެޑިބިލިޓީ، އިއްޒަތް މާ ބޮޑުވާނެ،"
- އޮންނަނީ ތިލަފުށީގެ އުތުރުން މާލެއާ 7.5 ނޯޓިކަލް މޭލު ދުރުގައި
- އޮގަސްޓް 14، 2013: އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މަޝްރޫއު ފެއްޓެވި
- ފުރަތަމަ ހިއްކަން ފެށީ ސިފައިންގެ ވެލްފެއާ ކޯޕަރޭޝަން (ސިވެކް) އާއި ސީޕީއެސް މޯލްޑިވްސް ގުޅިގެން
- ފުރަތަމަ ހިއްކީ އެއް ހެކްޓަރުގެ ބިން
- ފަހުން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިއާގެ އެހީ ހޯދަން މަސައްކަތް ކުރި
- ރައީސް ޔާމީންގެ ވެރިކަމުގައި މޭ 2014 ގައި، އޭރުގެ އިންޑިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް ބިކްރާމް ސިންހް ރާއްޖެ ވަޑައިގެން ވެސް މަޝްވަރާކުރެއްވި
- އިންޑިއާގެ ނޫސްތަކުން އޭރު ބުނީ އެ މަޝްރޫއުއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް
- އުތުރު ތިލަފަޅުގައި އޭރު ހިއްކި ތަނުގައި ހެދި މިސްކިތާއި ބަނދަރު މާޗު 2014 ގައި ހުޅުވި.
- ފެބްރުއަރީ 21، 2021: އުތުރު ފިލަފަޅު (ޔޫޓީއެފް) ތަރައްގީކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި ރާއްޖެއިން އެއްބަސްވުމުގައި ސޮއިކުރި
- މާޗު 15، 2021: އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނާ ލިއުންތަކެއް މީޑިއާގައި އާންމުވި
- އޭގައި ބުނާ ގޮތުން އިންޑިއާ ނޫން އެހެން ގައުމެއްގެ އަސްކަރީ އުޅަނދަކަށް އެތަން ބޭނުމެއް ނުކުރެވޭނެ
- ބަނދަރު ހިންގުމާއި ބެލެހެއްޓުމުގައި އިންޑިއާ ސިފައިން ތިބޭނެ ކަމަށް ވެސް އޭގެ ބައެއް މާއްދާތައް ބުނޭ
- މާޗު 16، 2021: ދިވެހި ސިފައިންގެ ޖެނެރަލުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެއީ ދޮގު ލިިއުންތަކެއް ކަމަށް
- އެ ބޭފުޅުން ވިދާޅުވީ އިންޑިއާ ސިފައިން ނުތިބޭނެކަމާއި ގައުމުގެ ސިޔާސަދަށް އުނިކަން އަންނާނެ އެއްވެސް ކަމެއް އެއްބަސްވުމުގައި ނޯންނާނެ ކަމަށް.