ކޮވިޑް ކޭސްތައް ތިން ދުވަހަަށް ފަހު 100 އިން މައްޗަށް
ކޮވިޑް ކޭސްތައް ތިން ދުވަހަަށް ފަހު 100 އިން މައްޗަށް

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވޭތުވެ ދިޔަ ތިން ދުވަހު 100 އިން ދަށުގައި ހުރުމަށް ފަހު އަނެއްކާ ވެސް މަތިވެއްޖެ އެވެ.

މި އަހަރު ފެށުނީންސުރެ ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭތާ ވެސް މަހެއް ވެއްޖެ އެވެ. އެކަމަކު މިދިޔަ ތިން ދުވަހު، ކޮންމެ 24 ގަޑިއިރެއްގެ ކޭސްތަކުގެ އަދަދު ހުރީ 100 އިން ދަށުގަ އެވެ. ނަމަވެސް މިއަދު ވަނީ މި އަދަދު 153 އަށް އަރައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނިގޮތުގައި މިއަދު ޓެސްޓު ކުރި 4،553 ސާމްޕަލްގެ ތެރެއިން ގިނައީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. އެގޮތުން 132 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވި އިރު، ރަށްރަށުން 13 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. އަދި ރިސޯޓުތަކުން ދެ މީހަކާއި ހަދަމުންދާ ރަށަކުން ދެ މީހަކު އަދި ރާއްޖޭން ބޭރުން އައި ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ޓެސްޓްކުރި އަދަދަށް ބަލާއިރު 3.36 ޕަސެންޓް ޕޮޒިޓިވިޓީ ރޭޓެވެ.

މި މަހު ޕޮޒިޓިވިޓީ ރޭޓް އެންމެ މަތީގައި ހުރި 24 ގަޑިއިރަކީ މި މަހުގެ ފުރަތަމަ ދުވަހެވެ. އެއީ 4247 މީހުން ޓެސްޓުކޮށް 186 މީހަކު ޕޮޒިޓިވް ވުމުންނެވެ. އެއީ 4.38 ޕަސެންޓެވެ. އެންމެ ދަށްކޮށް ހުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެއީ 2.03 ޕަސެންޓުގަ އެވެ. އެއީ 4626 ޓެސްޓުން 94 މީހުން ޕޮޒިޓިވް ވެގެންނެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާރު ހުރީ 126 ގަ އެވެ. އިއްޔެ އެ އަދަދު ހުރީ 127 ގަ އެވެ. ބަލި މީހުންގެ ގޮތުގައި މިހާރު 2،406 މީހުން ތިބި އިރު، މިހާތަނަށް 64 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.