16 މާޗް 2021 - 22:26

މިދިޔަ އަހަރު އެކަނި ވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ކޮރަޕްޝަނުގެ 938 މައްސަލައެއް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ބަލައި ނިންމި މައްސަލަތަކުން ދައުލަތަށް 29 މިލިއަނަށް ވުރެ ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކަށް ބަލާއިރު، އެތަނުން އަމިއްލައަށް އިސްނަގައިގެން ބަލަން ނިންމި 82 މައްސަލަ އާއި ކޮމިޝަނަށް ހުށަހެޅި 856 މައްސަލައެއް ހިމެނެ އެވެ.
އެތަނުން ބުނި ގޮތުގައި ބަލައި ނިންމި މައްސަލަތަކުން، 29 މިލިޔަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތަށް އަނބުރާ ހޯދުމަށް ވަނީ އަންގައިފަ އެވެ. އަދި ތަހުުގީގާއި ދިރާސާ ކަރުދާސްތަކަށް ފަހު އިސްލާހު ކުރުމަށް 341 އެންގުމަށް އެކި އިދާރާތަކަށް ފޮނުވި ކަމަށް ބުންޏެވެ.
ކޮމިޝަނަށް ހުށަހަޅާފައިވާ ކޮރަޕްޝަނުގެ އެކި މައްސަލަތަކުގެ ތެރެއިން 961 މައްސަލައެއް މިދިޔަ އަހަރު ވަނީ ބަލައި ނިންމާފަ އެވެ. މިއީ، އޭސީސީން ބުނި ގޮތުގައި، 2019 ވަނަ އަހަރާ އަޅާބަލާއިރު 35 ޕަސެންޓްގެ ކުރިއެރުމެވެ.
ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން 15 މައްސަލައެއް ވަނީ، ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ވެސް، ޕީޖީއަށް އެންމެ ގިނައިން މައްސަލަ ފޮނުވި ފަހަރު ކަމަށް އޭސީސީން ބުންޏެވެ.
ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ތަހުގީގީ އެހެން އިދާރާތަކާ ގުޅިގެން ހިންގި އިންވެސްޓިގޭޝަންތަކުން ދައުވާކުރުމަށް ފޮނުވި ހަތަރު މައްސަލައެއް ހިމެނެ އެވެ. ދައުވާ ކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ، ރަސްމީ ހައިސިއްޔަތު ނަމަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ.