ބިއެލްސާ މަޑުނުކޮށްފިނަމަ ލީޑްސްގެ ޓާގެޓަކީ އަލެގްރީ
ބިއެލްސާ މަޑުނުކޮށްފިނަމަ ލީޑްސްގެ ޓާގެޓަކީ އަލެގްރީ

ލީޑްސް (މާޗް 16) - ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާ މި ސީޒަނަށް ފަހު އެ ކްލަބްގެ ކޮންޓްރެކްޓް އާ ނުކޮށްފިނަމަ އެ ޓީމުން ވިސްނާނީ އިޓަލީގެ މަޝްހޫރު ކޯޗު މަސިމޯ އަލެގްރީ ގެންނަން ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސޯޅަ އަހަރަށް ފަހު މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ލީޑްސްއާ އެކު ބިއެލްސާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އުމުރުން 65 އަހަރުގެ ބިއެލްސާ އަށް ލީޑްސް އިން ވަނީ އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އަދި ރަސްމީކޮށް ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ފަށާފައިނުވެ އެވެ.

ލީގުގައި ކުޅުނު 28 މެޗުން ހޯދި 36 ޕޮއިންޓާ އެކު ލީޑްސް އޮތީ ލީގުގެ 12 ވަނައިގަ އެވެ. ލީގުގައި އެންމެ ފަހުން ޗެލްސީއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ބިއެލްސާ ބުނީ ކްލަބްގައި އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ސީޒަން ނިމުމުން ކަމަށެވެ.

ލީޑްސްގެ ވެރިޔާ އިޓަލީގެ މަހުޖަނު އަންދްރެއާ ރަޑްރިޒާނީ މީގެ ކުރިން ވަނީ ބިއެލްސާ އަށް ފަހު ދެން ލީޑްސް އަށް ގެންނަން ބޭނުންވަނީ އިޓަލީ ކޯޗެއް ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ރަޑްރިޒާނީ ބޭނުންވަނީ ކުރިން އޭސީ މިލާނާއި ޔުވެންޓަސް އަށް ކޯޗުކޮށްދިން އަލެގްރީ ގެންނާށެވެ.

ޔުވެންޓަސްގެ ކޯޗުކަމުން 2019 ވަނަ އަހަރު ވަކިވި ފަހުން އުމުރުން 53 އަހަރުގެ އަލެގްރީ ހުރީ ޓީމަކާ ހަވާލުނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އަލެގްރީގެ ވިސްނުން ދެން ހުރީ އިންގްލެންޑް ޓީމަކާ ހަވާލުވާށެވެ. ރިޕޯޓްތައް ބުނާގޮތުން ބިއެލްސާ ލީޑްސްގައި މަޑުނުކުރަން ނިންމާ ހިސާބުން އަލެގްރީ އަށް ލީޑްސް އިން ރަސްމީކޮށް ހުށަހަޅާނެ އެވެ.

ކުރީގެ ކުޅުންތެރިޔާ އަލެގްރީ ކޯޗިން ކެރިއަރު ރަސްމީކޮށް ފެށީ 2003 ވަނަ އަހަރު އެގްލިއަނީސޭ އިންނެވެ. ފަހުން ސްޕާލް، ގްރޮސޭޓޯ، ސަސުއޯލޯ އަދި ކަލިއަރީ އަށް ކޯޗުކޮށްދިން އަލެގްރީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު އޭސީ މިލާނާ ހަވާލުވި ހިސާބުންނެވެ. އެ ޓީމުގައި ހޭދަކުރި ހަތަރު އަހަރު އަލެގްރީ ވަނީ 2011 ވަނަ އަހަރުގެ ސުޕަ ކަޕާއި ލީގު ކާމިޔާބުކޮށްފަ އެވެ. އަލެގްރީގެ ކޯޗިން ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީ ހޯދީ އޭނާ ޔުވެންޓަސްގައި ހޭދަކުރި ފަސް އަހަރުގަ އެވެ. އެ ޓީމާ އެކު 11 ތަށި އުފުލާލިއިރު، އޭގެ ތެރޭގައި ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދުން ހިމެނެ އެވެ. އަލެގްރީ އަށް ޔުވެންޓަސް ކޯޗުކަން ގެއްލުނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުންނެވެ.

އިނގިރޭސި ފުޓްބޯޅަގެ މަޝްހޫރު ޓީމެއް ކަމަށްވާ ލީޑްސް އަކީ 2001 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ޓީމެކެވެ. އެ ފަހަރުގެ ސެމީގައި އެ ޓީމު ބަލިވީ ވެލެންސިއާ އަތުންނެވެ. ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅުގައި ޕްރިމިއާ ލީގަށް ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ލީޑްސް ފަރާތުން ފެނިގެންދިޔަ އެވެ. އަދި ލީޑްސްގައި ތިބި މޮޅެތި ކުޅުންތެރިން ވަނީ ބޮޑު އަގުގައި އެހެން ކްލަބްތަކަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އޭރުގެ ދުނިޔޭގެ ރެކޯޑް އަގަށް އެހެން ކްލަބްތަކަށް ގެންދިޔަ ކުޅުންތެރިން ވެސް ހިމެނެ އެވެ.