16 މާޗް 2021 - 19:27

ހއ. ކެލާ ތުނޑީގައި ޓޫރިސްޓު ކޮޓަރިތަކެއް އަޅައި އެ ސަރަހައްދު ތަރައްގީކުރަން ފެޑޯ ކުންފުންޏާ މިއަދު ހަވާލު ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރަަހިމް ފަރުހާދެވެ. އަދި ފެޑޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ . މި ރަސްމިއްޔާތުގައި ކެލާ ބޭފުޅެއް ކަމަށްވާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.
މޫދާއި ގޮނޑުދޮށް ރީތި ކެލާ ތުނޑި ސަރަހައްދުގައި ޓޫރިޒަމަށް ހާއްސަކޮށްގެން 100 ކޮޓަރި މި އެއްބަސްވުމުގެ ދަށުން ތަރައްގީކުރާނެ އެވެ. މި ކޮޓަރިތައް އަޅާނީ ރިސޯޓުތަކުގެ ކޮޓަރިތައް ހުންނަ ގޮތަށް ކަމަށް ފެޑޯއިން ބުންޏެވެ.
ފެޑޯގެ އޮފިޝަލަކު "މިހާރު" އަށް ބުނީ މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓު ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ބީޗް ވިލާތަކާއި ވޯޓާ ވިލާތައް ވެސް ހަދާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ ހަމަ ރިސޯޓެއްގެ ކޮންސެޕްޓަށް ހަދާ ތަނެއް. މިތަން އޮންނާނީ ވެސް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި. އެހެންކަމުން މިތާގެ ފެނާއި ނަރުދަމާވެސް އިންނާނީ ވަކިން،" ފެޑޯގެ އޮފިޝަލު ބުންޏެވެ.
މި ޕްެރޮޖެކްޓު ހިންގުމަށް އަށް ހެކްޓަރުގެ ބިން ފެޑޯއާ ހަވާލުކުރާނެ އެވެ. މި ޕްރޮޖެކްޓު ނިންމަން 30 މަސް ދުވަހުގެ މުއްދަތެއް ވަނީ އެ ކުންފުންޏަށް ދީފަ އެވެ.
ފެޑޯއިން ބުނީ ކޮޓަރިތައް ހެދުމުގައި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ފައިދާވާނެ ގޮތަށާއި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތްތަކަށް ބަލާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓާ އެކު ތިލަދުންމަތީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފެޑޯ ކުންފުނިން ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ހިދުމަތް ދޭތާ 10 އަހަރު ވެދާނެ އެވެ. އެ ކުންފުނިން ވަނީ ބޮޑެތި ޕްރޮޖެކްތައް ވެސް ހިންގައިގަ އެވެ. މީގެ ތެރޭގައި ކުރީގެ ސްޓާ ސިނަމާ ހުންނަ ތަނުގައި މިހާރު ހަދަމުން އަންނަ އިމާރާތް ވެސް ހިމެނެ އެވެ.