16 މާޗް 2021 - 20:05

ދެކުނު އޭޝިއާ ސަރަހައްދުގައި، އާބާދީގެ ނިސްބަތަށް ބަލާއިރު ކޮވިޑް-19ގެ ހާލަތު އެންމެ ގޯހީ ރާއްޖޭގައި ކަމަށް، ބައެއް ދިރާސާތަކުން ދައްކައިފި އެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ، އޮބްޒާވް ރިސާޗު ފައުންޑޭޝަން (އޯއާރުއެފް) ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އެއް މިލިއަން މީހެއްގެ ނިސްބަތުން 39،594 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ނިސްބަތުން 117 މީހުން ރާއްޖޭގައި މަރުވެއްޖެ އެވެ.
އާބާދީއަށް ބަލާއިރު ދެން މި ސަރަހައްދުން ކޮވިޑްގެ ހާލަތު އެންމެ ގޯހީ، ނޭޕާލުގަ އެވެ. އެގޮތުން ކޮންމެ އެއް މިލިޔަން މީހުންގެ ތެރެއިން، 9،335 މީހުންނަށް ބަލި ވަނީ ޖެހިފަ އެވެ. ޖުމްލަ އަދަދުގެ ގޮތުން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިންޑިއާގައި، މި ނިސްބަތުން ބަލާއިރު ކޮންމެ އެއް މިލިޔަން މީހުންގެ ތެރެއިން ބަލި ޖެހިފައިވަނީ 8،211 މީހުންނަށެވެ. ދެން ހާލަތު އެންމެ ގޯހީ ސްރީ ލަންކާގަ އެވެ.
މި ދިރާސާއިން ދައްކާގޮތުގައި މި ސަރަހައްދުން ކޮވިޑްގެ ހާލަތު އެންމެ ރަނގަޅީ ބޫޓާނުގަ އެވެ. އެ ގައުމުގައި ބަލި ޖެހިފައިވަނީ ކޮންމެ މިލިއަނަކުން، 1،116 މީހުންނަށެވެ.
މީހުން މަރުވާ ރޭޓަށް ބަލާއިރު، ނިސްބަތުން އެންމެ ގިނައީ ރާއްޖޭގެ އިތުރުން އިންޑިއާގަ އެވެ. އެ ގައުމުން، ކޮންމެ މިލިޔަނަކުން 114 މީހުން މަރުވެފައިވާއިރު، ނޭޕާލުގައި އެ އަދަދު އުޅެނީ 102 ގަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސް ކަމަށް ދިރާސާތަކުން ދައްކާ މައިގަނޑު ސަބަބަކީ، އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި، ބައްޔަށް ޓެސްޓު ކުރާ ނިސްބަތް ގިނަވުމެވެ. އެއީ ޓެސްޓު ކުރާ ނިސްބަތް އިތުރުވި ވަރަަކަށް، ޕޮޒިޓިވް މީހުން ފެންނަލެއް ގިނަވާނެތީ އެވެ.
ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު އުޅެނީ 21،000ގަ އެވެ. މިހާރު ބަލި މީހުންގެ ގޮތުގައި ތިބީ، 2،350 މީހުންނެވެ. ކޮވިޑް ޖެހިގެން 64 މީހަކު މިހާތަނަށް ވަނީ މަރުވެފަ އވެ.
"މިހާރު"އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި، ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި އެޕިޑީމިއޮލޮޖީން ޕީއެޗްޑީ ނަންގަވާފައިވާ ޑރ. މަރިޔަމް ސުޒާނާ ވެސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޭސްތައް ނިސްބަތުން ގިނަވުމުގެ މައިގަނޑު ސަބަބަކީ ޓެސްޓުކުރާލެއް ގިނަވުމެވެ.
ރާއްޖޭގައި ބަލި މީހުން އެހާ ގިނަވުމުގެ ދެވަނަ ސަބަބެއް ކަމަށް އޭނާ ލަފާކުރައްވަނީ ދެކުނު އޭޝިއާގެ އެހެން ބައެއް ސިޓީތަކާ އަޅާބަލާ އިރު މާލޭގެ ބައިބޯކަމާއި ބިދޭސީން ދިރިއުޅޭ ތަންތަނުގައި ތޮއްޖެހުން ބޮޑުކަމުން ގިނަ ބައެއްގެ ތެރޭ ބަލި ފެތުރިގެންދާން މެދުވެރިވި ހާލަތެވެ.