16 މާޗް 2021 - 19:00

ދިވެހިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިއުން އިތުރުކޮށް ޑޮމެސްޓިކް ޓޫރިޒަމް ފުޅާކުރެވިއްޖެ ނަމަ ރާއްޖެއިން ޑޮލަރު ބޭރުވާ ވަރު މަދުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މާލިއްޔަތު ކޮމިޓީގައި މައުސޫމް ވިދާޅުވީ، ދިވެހިން ޗުއްޓީއަށް އެހެން ގައުމުތަކަށް ދިއުމުގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދެވޭނެ ފަހި ގޮތްތަކެއް ހަމަޖެއްސުމަށް އިސްކަން ދެއްވާ ކަމަށެވެ.
"މިސާލަކަށް ވީކެންޑަށް ފުވައްމުލަކަށް ގޮސްލުން. ވީކެންޑަށް ކުޅުދުއްފުއްޓަށް ގޮސްލުން. އެއީ ހަމަ ރަނގަޅު ގޮތް ގޮތް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އަލަށް ހަދާ އެއާޕޯޓުތަކާއި ފެރީގެ ހިދުމަތް ހަރުދަނާ ކުރެވުމުން މިގޮތަށް ރާއްޖޭގައި އެކި ރަށް ރަށުގެ މީހުން އެހެން ރަށްރަށަށް ޗުއްޓީއަށް ދިއުން އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއާ އެކު ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭ ވަރު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
"ފަހަކަށް އައިސް ސިއްހީ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރަނގަޅު ހޮސްޕިޓަލްތަކަށް ދިއުމަށް ވެސް ކުރި ޑޮމެސްޓިކް ދަތުރުތައް ވަނީ އިތުރުވެފަ،" އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ރާއްޖެއިން ޑޮލަރު ބޭރުވާ ވަރު މަދުކުރުމަށް، ޓޫރިޒަމް ދާއިރާގެ މަތީ ފަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައި ދިވެހިން އިތުރުކުރަން ޖެހޭ ކަމަށެވެ. އާންމު ގޮތެއްގައި ރިސޯޓުތަކުގެ މުސާރައިގެ 60 ޕަސެންޓް ހިއްސާކުރާނީ ސުޕައިވަޒަ ލެވެލް އިން މަތީގެ ވަޒީފާތައް ކަމަށާއި މަތީ ވަޒީފާތަކުގައި ދިވެހިން އިތުރުކޮށް ކޯޓާއެއް ކަނޑައަޅައިގެން އެކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސާދަށް އައި ލޮޅުމުގެ ތެރެއިން ވިޔަފާރިތަކަށް ޑޮލަރު ހޯދުމުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވި އެވެ. މިހެން ވުމުގެ ސަބަބުން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20ރ. އަށް ވެސް އެރި އެވެ. ނަމަވެސް އަނެއްކާ ވެސް ޓޫރިޒަމް ދާއިރާ ހިނގައިގަތުމާ އެކު ޑޮލަރު ވަންނަ ވަރު ވަނީ އިތުރުވެފަ އެވެ. މިވަގުތު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 16.75ރ. އާއި 17.00ރ. އާ ދެމެދުގަ އެވެ.