16 މާޗް 2021 - 16:41

އއ. ތޮއްޑޫން ކޮވިޑް-19އަށް ބަޔަކު ޕޮޒިޓިވްވެ، އެ ރަށް އަނެއްކާ ވެސް މޮނިޓަރިންއަށް ލައިފި އެވެ.
މި ފަހަރު ތޮއްޑޫން ބަލި ފެނުނީ ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ގައިންނެވެ. ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެފައިވާތީ، އެ ގޭގެ އެހެން ބަޔަކަށް ވެސް ބަލި ވަނީ ޖެހިފަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނިގޮތުގައި ތޮއްޑޫ މޮނިޓަރިންއަށްލީ ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. އަދި ބަލި ފެތުރުުނު ގޮތް ބަލާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ތޮއްޑޫ މޮނިޓަރިންއަށް ލިޔެވެ. އެއީ އެރަށުން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިިޓިވްވުމުންނެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 21،000އަށް ވުރެ ގިނަ އެވެ. މިހާރު ބަލި މީހުންގެ ގޮތުގައި ތިބީ، 2،350 މީހުންނެވެ. ކޮވިޑް ޖެހިގެން 94 މީހަކު މިހާތަނަށް ވަނީ މަރުވެފަ އވެ.