16 މާޗް 2021 - 14:59

ބެއިޖިން (މާޗް 16) - ޗައިނާގައި އުފައްދާފައިވާ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ލުއިދީ އެ މީހުންނަށް އެ ގައުމުގެ ބޯޑަރު ހުޅުވާލަން ނިންމައިފި އެވެ.
ޗައިނާގައި އުފައްދާ ވެކްސިން ޖަހާފައިވާ ނަމަ ވިސާ ދޫކުރާ ގައުމުތަކުގެ މީހުންގެ ތެރޭގައި އެމެރިކާ، އިންޑިއާ އަދި ޕާކިސްތާން ހިމެނެ އެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ޗައިނާ ވަނީ ޓޫރިސްޓުންނަށް ގާތްގަނޑަކަށް ބަންދުކޮށްފަ އެވެ. ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ޗައިނާގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން އެ ގައުމުގައި ތިބި މީހުން އެހެން ގައުމަކަށް ނުދެވި އަދި ގައުމުން ބޭރުގައި ތިބި މީހުން ޗައިނާ އަށް އެތެރެނުވެވި ތާށިވި އެވެ.
ނަމަވެސް ބައެއް ގައުމުތަކުގައި ހުރި ޗައިނާ އެމްބަސީތަކުން މިހާރު ދަނީ އެ ގައުމުގައި އުފައްދާފައިވާ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ނަމަ ވިސާ އެކްލިކޭޝަން ދޫކުރާނެކަމުގެ ނޯޓިސް ނެރެމުންނެވެ. އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން ހޯމަ ދުވަހު ބުނެފައި ވަނީ ޗައިނީޒް ކޮވިޑް ވެކްސިން ޖަހާފައިވާ ނަމަ ވިސާ ދޫކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ވިސާ އަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން ވެކްސިންގެ އެއް ޑޯޒް ނުވަތަ ދެ ޑޯޒް ޖަހަން ޖެހެ އެވެ. އިންޑިއާ، ޕާކިސްތާން، ފިލިޕީންސް، އިޓަލީ އަދި ލަންކާގައި ހުންނަ ޗައިނާ އެމްބަސީތަކުން ވެސް ވަނީ އެފަދަ ނޯޓިހެއް ނެރެފަ އެވެ. ވިސާ ލިބިގެން ޗައިނާ އަށް ދަތުރުކުރާ މީހުން ވެސް ތިން ހަފުތާއަށް ކަރަންޓީނުގައި ތިބެން ޖެހެ އެވެ.
ޗައިނާގައި އުފައްދާފައިވާ ހަތަރު ވެކްސިނަކަށް ހުއްދަދީ އެ ވެކްސިންތައް އެ ގައުމުގައި މިހާރު ދަނީ ޖަހަމުންނެވެ. ބޭރު ގައުމެއްގެ އެއްވެސް ވެކްސިނަކަށް ޗައިނާ އިން އަދި ހުއްދައެއް ނުދެ އެވެ. ޗައިނާގެ ވެކްސިން ވަނީ ވަރަށް ގިނަ ގައުމުތަކަށް އެކްސްޕޯޓް ވެސް ކޮށްފަ އެވެ. ތުރުކީ، އިންޑޮނީޝިއާ އަދި ކެމްބޯޑިއާގައި މިހާރު ވަނީ ޗައިނާ ވެކްސިން ޖަހަން ފަށައިފަ އެވެ.