16 މާޗް 2021 - 13:34

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން އިތުރަށް ބޭނުންވާ 29 މިލިއަން ރުފިޔާގެ ބަޖެޓު ލިބިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބަށް އިތުރަށް ހިނގާނެ ކަމަށް ލަފާކުރެވޭ 29.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އަންނަ މަހުގެ 10 ގައި ބާއްވާ އިންތިޚާބަށް ބަޖެޓު ކޮށްފައިވަނީ 51 މިލިއަން ރުފިޔާ އެވެ. ކޮވިޑު-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމަކޮށްގެން އިންތިޚާބު ބާއްވާ ނަމަ އިތުރު ހަރަދުތަކެއް ހިނގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ނަމަ އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިންތިޚާބާ ބެހޭ އޮފިޝަލުންނަށެވެ.
އޮފިޝަލުންތަކެއް ކޮވިޑަށް ޕޮޒިޓިވްވިޔަސް އިންތިޚާބުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް އިތުރު އޮފިޝަލުން ނަގަން ޖެހެ އެވެ. މާލެ އަށް އެކަނި ވެސް 3،000 އޮފިޝަލުން ހޯދަން ޖެހެ އެވެ.
އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވައިލި ފުރުސަތުގައި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އެހެންވެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 120 ކެންޑިޑޭޓަކު ވަނީ އިންތިޚާބަކާ ނުލައި ހޮވިފަ އެވެ.
އެ އިންތިޚާބުގައި މިހާރު ވާދަކުރަނީ 3،934 ކެނޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 މީހުންނާއި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 މީހުންނެވެ.