16 މާޗް 2021 - 14:41

ނިއު ދިއްލީ (މާޗް 16) - މި އަހަރުގެ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން އިންޑިއާ އިން އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާ އިން ވަނީ ކޮރޯނާވައިރަހަށް 26،291 މީހުން ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ޕޮޒިޓިވްވެފައި ވަނީ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުންނެވެ.
މި އަހަރު ފެށުނު އިރު އިންޑިއާގެ ކޭސްލޯޑް ހުރީ ވަރަށް ދަށުގަ އެވެ. ނަމަވެސް ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަ ކުރުމާ އެކު ބައެއް ސްޓޭޓުތަކުން ވަނީ ކްލަސްޓާތައް އިތުރުވާން ފަށައިފަ އެވެ. ކޭސްލޯޑް އިތުރުވަމުންދާތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ. އިތުރު ހަތް ސްޓޭޓަކުން - ކެރަލާ، ޕަންޖާބު، ކަރުނާޓަކާ، ގުޖުރާތު، ޓަމިލް ނާޑޫ، ހަރިޔާނާ އަދި މަދްޔަ ޕްރަދޭޝް - އިން ވެސް ވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފަ އެވެ. މަހާރާޝްތުރާ ސްޓޭޓުގެ ނަގްޕޫރު ޑިސްޓްރިކްޓް މިހާރު ވަނީ ފުލް ލޮކްޑައުންކޮށްފަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 11 މިލިއަން މީހުން ޕޮޒިޓިވްވެ 158،000 މީހުން މަރުވެފަ އެވެ.
ޕަބްލިކް ހެލްތު ފައުންޑޭޝަން އޮފް އިންޑިއާގެ ރައީސް އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމަށް އިންޑިއާ ސަރުކާރަށް ލަފާދޭ އެޑްވައިޒަރު ޑރ. ސްރީނާތު ރެޑީ ވިދާޅުވީ އާ ވޭރިއަންޓްތައް އުފަންވުމާ އެކު ކޮވިޑް ކޭސްތައް އިތުރުވާނެ ކަމަށް އޭނާ ކުރިން ވެސް އުއްމީދު ކުރެއްވި ކަމަށެވެ. އެކަމަކު ކުއްލިއަކަށް ކޭސްތައް އިތުރުވުމުގެ ފަހަތުގައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތަކަށް މީހުން ފަރުވާ ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ކޭސްތައް މަދުވާން ފެށުމާ އެކު އިންޑިއާ އިން ވަނީ އޮފީސްތަކާއި ރެސްޓޯރެންޓް، ވެޑިން ހޯލްތަކާއި ކޮންފަރެންސް މާލަން އަދި ސިނަމާތައް ހުޅުވައިފަ އެވެ. އެހެންވެ ބަންދު މާހައުލުތަކުގައި މީހުން ޖަމާވެގެން އުޅޭ އިރު ބައެއް މީހުން މާސްކް ވެސް ނާޅަ އެވެ.
އިންޑިއާގައި ކޭސްތައް އިތުރުވަމުންދާ އިރު އެ ގައުމުގައި ވެކްސިން ޕްރޮގްރާމް ވެސް ވަނީ ފަށައިފަ އެވެ. ޖެނުއަރީ މަހު ފެށި ޕްރޮގްރާމުގައި މިހާތަނަށް 30 މިލިއަން މީހުން ވަނީ މަދުވެގެން އެއް ޑޯޒް ވެކްސިން ޖަހައިފަ އެވެ. ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި ތަފާތު ބަލިތަކުގައި އުޅެންޖެހިފައިވާ މީހުންނަށެވެ.