އިންޓަނެޓްގެ ބާނީ: އެއީ އަސާސީ ހިދުމަތަކަށްވާން ޖެހޭ
އިންޓަނެޓްގެ ބާނީ: އެއީ އަސާސީ ހިދުމަތަކަށްވާން ޖެހޭ

ވިހި ވަނަ ގަރުނުގެ ތެރޭގައި ކަރަންޓަކީ އިންސާނީ އަސާސީ ހިދުމަތަކަށްވެގެން ދިޔަ ފަދައިން އިންޓަނެޓަކީ ވެސް އަސާސީ ހިދުމަތަކަށް މިހާރު ވާންޖެހޭ ކަމަށް މީގެ 38 އަހަރު ކުރިން އިންޓަނެޓް ވުޖޫދަށް ގެނައުމުގެ މޭސްތިރިޔާ ޓިމް ބާނާޒް-ލީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އިންޓަނެޓާ އެކު ޓެކްނޮލޮޖީގެ ދާއިރާ އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ ތަރައްގީވެ ކުރިއަރަމުން އަންނަ އިރު އިންޓަނެޓަކީ މިހާރު އެއާނުލައި ނޫޅެވޭނެ އެއްޗެއް ކަމަށެވެ. އެހެންވެ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އިންޓަނެޓްގެ ހިދުމަތް މިހާރު ލިބެންޖެހޭ ކަމަށާއި އެކަމުން މަހުރޫމުވުމަކީ މިއަދުގެ ދުނިޔެ އަށް ބަލާ އިރު ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވި ގޮތުގައި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކުރިއެރުން ވެސް މިހާރު ބިނާވެފައި އޮތީ އިންޓަނެޓްގެ ވަށައިގެން ކަމަށްވާތި އެއާ ނުލައި ދިރިއުޅުމަކީ ކަރަންޓާ ނުލައި ކަނު އަނދިރީގައި އުޅުން ކަހަލަ ކަމެކެވެ.

"އިންޓަނެޓް ނުލިބުމުގެ މާނަ އަކީ ވިސްނުން ތޫނު އެތައް ސިކުނޑިއަކަށް ވެސް ކުރިއަށްދާން ހުރަސް އެޅިފައި އޮތުން،" އޭނާ ވިދާޅުވި އެވެ. "އިންޓަނެޓާ އެކު މިހާރު ވިސްނުމާއި ފިކުރާއި ހިޔާލު ތަރައްގީކުރެވި އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ މަގު ކޮންމެ މީހަކަށް ވެސް ފަހިވޭ. އެހެންވެ އިންޓަނެޓުން އެއްވެސް ބަޔަކު މަހުރޫމުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ކަރަންޓް އަހަރެމެންގެ އަސާސީ ހިދުމަތަކަށްވި ފަދައިން އިންޓަނެޓަކީ ވެސް އިންސާނީ އަސާސީ ހިދުމަތެއް."

އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން ޓިމް، 65، ވިދާޅުވި ގޮތުގައި އިންޓަނެޓް ހިދުމަތް ގައުމުތަކުގައި ފުޅާވަމުން ދިޔަ ނަމަވެސް އަދިވެސް ދުނިޔޭގެ ޒުވާނުން އާބާދީގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ އިންޓަނެޓްގެ ހިދުމަތް ނުލިބޭ މީހުންނެވެ.

އޭނާ ވިދާޅުވީ ޒުވާނުންގެ ބޮޑު އާބާދީއަކަށް އިންޓަނެޓް ނުލިބޭ ނަމަ އެއީ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އަދި އިންޓަނެޓަކީ ވަކި ބަޔަކަށް ހާއްސަ އެއްޗެއް ނޫން ކަަމަށާއި ހުރިހާ ޖިންސެއްގެ ހުރިހާ ގިންތިއެއް، ފަންތިއެއްގެ ހުރިހާ ނަސްލެއްގެ ބަޔަކަށް ވެސް ކަށަވަރުކޮށް ދޭން ޖެހޭ ހައްގެއް ކަމަށް ވިދާޅުވި އެވެ.

"އެކަމަކަށް މަގުފަހިކޮށް ނުދެވޭ ކަމަށް ވަންޏާ ހަމަހަމާއި އިންސާފު ވެސް ގެއްލޭ." ޓިމް ވިދާޅުވި އެވެ. "އަސާސީ ހައްގަކުން އެއްވެސް މީހަކު މަހޫރުވުމަކީ ގަބޫލުކުރެވޭނެ ކަމެއްތަ؟ އަދި އެއީ މައުލޫމާތު ހޯދުމާއި ލިބިގަތުން ފަދަ ހައްގުތަކުން ވެސް އެބައި މީހުން މަހުރޫމްކޮށްލާ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި އިންޓަނެޓަކީ އެންމެންނަށް ވެސް ލިބޭ ހިދުމަތަކަށް ހަދަން ގައުމުތަކުން ހާއްސަ މަސައްކަތްތަކެއް ކިރަން ޖެހެ އެވެ. އެގޮތުން ވިއުގަ ފުޅާކުރަން ސަރުކާރުން ފަންޑް ހޯދުމާއި އިންޓަނެޓަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި އެކަމަށް މަގުފަހިކޮށް ދިނުމަށް ސަބްސިޑީތައް ދިނުމާ އެކު ކޮމިއުނިޓީ ނެޓްވޯކް ވަރުގަދަކުރުން ހިމެނެ އެވެ.