ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އީގަލްސް އަށް
ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އީގަލްސް އަށް

މި ފަހަރު އަލަށް އޭއެފްސީ ކަޕްގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ކްލަބް އީގަލްސް އިން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޓީމުގައި ހިމަނައިފި އެވެ.

ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އީގަލްސް އަށް
ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އީގަލްސް އަށް

މި ސީޒަނުގައި އީގަލްސް އިން މީގެ ކުރިން ވެސް ބޭއްވި ފަރިތަކުރުންތަކުގައި އަސްހަދު ވަނީ ބައިވެރިވެފަ އެވެ. އެކަމަކު އެ ފަހަރު އޭނާގެ ނަން އީގަލްސް ޓީމު ލިސްޓުގައި ނުހިމަނަ އެވެ. އެކަމަކު ރޭގެ ނިޔަލަށް ސީޒަންގެ ފަހު ޓްރާންސްފާ މާކެޓްގެ މުއްދަތު ހަމަވިއިރު، އީގަލްސް އިން ވަނީ ފަހު ވަގުތު އަސްހަދުގެ ނަން ޓީމު ލިސްޓުގައި ހިމަނައިފަ އެވެ. އަސްހަދު ވަނީ އިއްޔެ އޮތް އީގަލްސްގެ ޓްރެއިނިން ސެޝަންގައި ބައިވެރިވެފަ އެވެ. އީގަލްސް އިން ވަނީ ސީޒަނުގެ ބާކީ ބައިގައި އެ ޓީމަށް ކުޅެން އަސްހަދު، (34) އެއްބަސްވެފައިވާކަން "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.

އަސްހަދު އެންމެ ފަހުން ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަސްހަދުގެ ފަޔަށް އަނިޔާވުމުގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހި މިދިޔަ ސީޒަނުގައި އޭނާ ނުފެނެ އެވެ.

މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގެ ބާކީ މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން ރާއްޖޭން ކުރި ބިޑް ކާމިޔާބުކޮށް އޮކްޓޫބަރު މަހު މެޗުތައް ކުޅެން ޝެޑިއުލް ނެރުނުއިރު، މާޒިޔާ އިން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ. އޭރު އަސްހަދު ވަނީ މާޒިޔާއާ އެކު ޕްރެކްޓިހަށް ނުކުމެފަ އެވެ. އެކަމަކު އޭއެފްސީން ފަހުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލްކޮށްލަން ނިންމުމާ އެކު ފަހުން މާޒިޔާއިން އަސްހަދު ގެންނަން ވާހަކަ ނުދައްކަ އެވެ.

ވެލެންސިއާ އިން ކެރިއަރު ފަށައި ވިކްޓަރީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ އަސްހަދު ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. މީގެ ތެރެއިން ނިއު އިން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މާޒިޔާ އަށް އަސްހަދު ކުޅެފައިވަނީ އަލީ ސުޒޭނާއި މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގަ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2016 ވަނަ އަހަރުގެ ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު މާޒިޔާއާ އެކު ކާމިޔާބުކޮށްފަ އެވެ. އީގަލްސް އަކީ ފުރަތަމަ ޑިވިޝަނުގައި އަސްހަދު ކުޅޭނެ ހަ ވަނަ ޓީމެވެ.

މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރުގެ މާޗް މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އަސްހަދު އަކީ ފޯވާޑެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރު ފެށި ނަމަވެސް ފަހުން މިޑްފީލްޑަރެއްގެ ގޮތުގައި ފެނުނު ކުޅުންތެރިއެކެވެ. މަސައްކަތުގެ ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އަސްހަދު ވަނީ ގައުމީ ޓީމުގެ ކެޕްޓަން ކަން ވެސްކޮށްފަ އެވެ. އަދި އޭނާ ކުޅުނު ގިނަ ކްލަބްތަކެއްގެ ކެޕްޓަންކަން ވެސް ވަނީ ކޮށްފަ އެވެ.

އީގަލްސް އިން ވަނީ އޭއެފްސީ ކަޕަށް އަމާޒުކޮށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އިތުރު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. މި ސީޒަނުގައި އީގަލްސް އިން ފެނުނު ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން ވަނީ ބަދަލުވެފަ އެވެ. އީގަލްސްއާ އަލަށް ގުޅުނު އެއް ކުޅުންތެރިއަކީ ގްރީން ސްޓްރީޓްސް އަށް ކުޅުނު މިސްރުގެ ޑިފެންޑަރު އެލްސައީދު އެވެ.

އަންނަ މެއި މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭންނެވެ. ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.

އީގަލްސް އިން އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގައި ނުކުންނާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ. އީގަލްސް އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ކޮލިފައިންގެ ތިން މެޗުން މޮޅުވެގެންނެވެ. ކޮލިފައިންގައި އެންމެ ވަރުގަދަކޮށް އޮތް ދެ ޓީމަކީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރު އެވެ. މި ދެ ޓީމު ވަނީ މީގެ ކުރިން ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމުން އަންނަނީ މި މަސް ތެރޭ އަލުން ލީގު ފެށޭތޯ މަސައްކަތްކުރަމުންނެވެ.