16 މާޗް 2021 - 10:34

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރި އަށް ނޭދެވޭ އަސަރު ކުރާތީ، ކެފޭ/ރެސްޓޯރެންޓުތައް ބަންދުކޮށް ހަޅުތާލު ކުރަން ނިންމާފައިވާ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާގެ ފައުންޑިން މެމްބަރު ނުޒައިރު އަލީ "މިހާރު" އަށް ވިދާޅުވީ ހަލުތާލު ކުރަން ނިންމީ ސަރުކާރާއި ދައުލަތުގެ މުައްސަސާތަކާ ބައްދަލު ކޮށްގެން ވެސް ރެސްޓޯރެންޓް ވިޔަފާރިތައް ރަނގަޅު ކުރަން ހައްލެއް ނުލިބިގެން ކަމަށެވެ. ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅަންދެން ހަޅުތާލު ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ހަޅުތާލަށް ފަށަން ނިންމާފައިވާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 6:00 ގެ ފަހުން ވެހިކަލްތައް ދުއްވުމާއި ރޭގަނޑު 8:00 ގެ ފަހުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. މީގެ ސަބަބުން ރެސްޓޯރެންޓުތަކަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް އެ ވިޔަފާރި ކުރާ މީހުން ދަނީ ބުނަމުންނެވެ.
ނުޒައިރު ވިދާޅުވިގޮތުގައި، ރެސްޓޯރެންޓުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރޭގަނޑެވެ. ނަމަވެސް ކޮވިޑް-19 ފެތުރެނީ ރެސްޓޯރެންޓުތަކުން ކަމަށް ބުނެ ގެނައި ބަދަލުތަކުގެ ސަބަބުން ގިނަ ރެސްޓޯރެންޓުތައް ހިންގަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ކުރިއަށް ގެންދާ ނަމަ އަންނަ މަހު ފަށާ ރޯދަ މަހުގެ ފަހުން ގިނަ ތަންތަން ދާއިމީކޮށް ބަންދު ކުރަން ޖެހިދާނެ ކަމަށް ނުޒައިރު ވިދާޅުވި އެވެ.
"މި ކިޔަނީ ރެސްޓޯރެންޓުންނޭ ބަލި ފެތުރެނީ. އެކަމަކު ގާތްގަނޑަކަށް ހުރިހާ ތަނަކުން ވެސް ހިދުމަތް މިދެނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް. ހެކި ދައްކަންވީ ނޫންތޯ ރާއްޖޭގެ މި ބަލި ފެތުރެނީ ރެސްޓޯރެންޓުތަކުން ކަމަށް،" އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ގިނަ ތަންތަން ހިންގަނީ ގެއްލުމުގައި. މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި މި ހިދުމަތްދޭ ރެސްޓޯރެންޓް ޗެއިނަކަށް އެކަނި ވެސް މިހާތަނަށް ނުވަ މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައި. އަޅުގަނޑުމެން ބޭނުންވަނީ މި ކަންތައްތައް ހައްލުކޮށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅަން."
ރެސްޓޯރެންޓުތަކުގައި ރޭގަނޑު ޑައިނިންގެ ހިދުމަތް ދިނުން މަނާކުރި ނަމަވެސް ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:30 ވަންދެން ދެ އެވެ. މި ހިދުމަތް ދިނުމަށް ކޮންމެ ރެސްޓޯރެންޓަށް ގިނަވެގެން ދެނީ ދެ ފާސް ކަމަށް ވުމުން އެ ހިދުމަތް ވެސް އެންމެ ފުރިހަމައަށް ނުދެވޭ ކަމަށް ނުޒައިރު ވިދާޅުވި އެވެ.
ރެސްޓޯރެންޓުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ ދާއިރާގެ އިސް ބައެއް ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެޗްޕީއޭއާ ވެސް މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް ރެސްޓޯރެންޓުތަކުގެ ކަންބޮޑުވުންތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެފައި ނުވާ ކަމަށް ނުޒައިރު ވިދާޅުވި އެވެ.