ވުލްވްސް ބަލިކޮށް ލިވަޕޫލަށް ހިތްހަމަޖެހުމެއް
ވުލްވްސް ބަލިކޮށް ލިވަޕޫލަށް ހިތްހަމަޖެހުމެއް

ވުލްވަހެމްޓަން، އިންގްލެންޑް (މާޗް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 1-0 އިން މޮޅުވެ ލިވަޕޫލުން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ވުލްވްސް ބަލިކޮށް ލިވަޕޫލަށް ހިތްހަމަޖެހުމެއް
ވުލްވްސް ބަލިކޮށް ލިވަޕޫލަށް ހިތްހަމަޖެހުމެއް

އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ފުރަތަމަ މޮޅާ އެކު ލިވަޕޫލް ވަނީ ރޭ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހަ ވަނައިގައި އޮތީ 29 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް އެވަޓަން އަށް 46 ޕޮއިންޓް ލިބިފައިވަނީ 28 މެޗު ކުޅެގެންނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ބޭނުންވި ގޮތަށް މި މެޗުގައި ނުކުޅެވުނު ކަމުގައި ވިޔަސް މޮޅެއް ލިބުމަކީ މި ވަގުތަށް މުޅި ޓީމަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ.

ލިވަޕޫލަށް ރޭގެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޑިއޯގޯ ޖޮޓާ އެވެ. ފުރަތަމަ ހާފުގެ އިތުރުު ވަގުުތުގައި ޖޮޓާ މި ގޯލު ޖެހީ ސަޑިއޯ މާނޭ ދިން ބޯޅައަކުންނެވެ. ޖޮޓާ އަކީ މި ސީޒަނުގައި ވުލްވްސް ދޫކޮށް ލިވަޕޫލަށް ބަދަލުވި ކުޅުންތެރިއެކެވެ. ރޭގެ ގޯލަކީ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ފަހު އެނބުރި އައިސް ޖޮޓާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި ލިވަޕޫލަށް ލީޑުނަގައިދޭން މާނޭ އަށް ރަނުގެ ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ފުރަތަމަ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ. ދެ ވަނަ ފުރުސަތުގައި އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން މާނޭ ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ ފަހު ކޮޅުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ވުލްވްސްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ބޮލުގައި އެ ޓީމުގެ ކެޕްޓަން ކޮނާ ކޯޑީ ފައި ޖެހުނު ގޮތަކުން ޕެޓްރީޝިއޯ އަށް ވަނީ ދަނޑުމަތީގައި 15 މިނިޓް ވަންދެން ފަރުވާ ދީފަ އެވެ. ޕެޓްރީޝިއޯ ބަދަލުކުރުމަށް ފަހު ފަހު ކޮޅުގައި ވުލްވްސް ގޯލު ބެލެހެއްޓީ ޖޯން ރުޑީ އެވެ.

ނަތީޖާ ހަމަހަމަކުރަން ވުލްވްސް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މެޗުގެ އިތުރު ވަގުތުގައި ވުލްވްސްގެ ޒުވާން ފޯވާޑް ފަބިއޯ ސިލްވާ ބޮލުން ޖެހި ބޯޅައެއް ލިވަޕޫލް ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ލީގުގައި އެންމެ ފަހުން ލިވަޕޫލާއި ދެކޮޅަށް ކުޅުނު ނުވަ މެޗުން ވުލްވްސް ވަނީ ބަލިވެފަ އެވެ. ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ މުޅި މެޗަށް ބަލާއިރު ކޮންޓްރޯލް ކޮށްގެން ކުޅުނީ ވުލްވްސް ކަމަށާއި އެކަމަކު ޖޮޓާ ފަދަ ކުޅުންތެރިއަކަށް އެހެން ލިބޭ ފަޅި ފުރުސަތެއްގައި ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭނެކަން މި މެޗުން ފެނުނު ކަމަށެވެ.