ޓެންޒޭނިއާގެ ރައީސް ގެއްލިއްޖެ ކަމަށް ބުނި ބަޔަކު ހައްޔަރުކޮށްފި
ޓެންޒޭނިއާގެ ރައީސް ގެއްލިއްޖެ ކަމަށް ބުނި ބަޔަކު ހައްޔަރުކޮށްފި

ދާރުއްސަލާމް (މާޗް 16) - ޓެންޒޭނިއާގެ ރައީސް އުޅުއްވަނީ އާލާސްކަންފުޅާ ކަމަށާއި ރައީސް ވީތަނެއް ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރި ބަޔަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ޓެންޒޭނިއާގެ ރައީސްގެ ޚަބަރެއް ނުވާތާ މިހާރު ދެ ހަފުތާ ވެއްޖެ އެވެ. އެކަމަކު ބޮޑުވަޒީރު ކާސިމް މަޖަލިވާ މިދިޔަ ހަފުތާގައި ވިދާޅުވީ އުމުރުން 61 އަހަރުގެ ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ވަރަށް ބުރަކޮށް ރައީސްގެ ޒިންމާތައް އުފުއްލަވަމުން ގެންދަވާ ކަމަށެވެ.

ޓެންޒޭނިއާގެ އިދިކޮޅު ފަރާތްތަކުން ބުނަނީ ރައީސް މަގުފުލީ އަށް ކޮވިޑް ޖެހިގެން ފަރުވާދޭން ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

ނައިބް ރައީސް ސާމިއާ ސުލުހޫ ހަސަން ވަނީ ރައީސްގެ ހާލުކޮޅާ ބެހޭ ގޮތުން ފަތުރާ ތޯތޯ ވާހަކަތައް އަޑު ނޭހުމަށް ގޮވާލައްވައިފަ އެވެ.

"ބަލިވުމަކީ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެއް. ހުންއައުމާއި ރޯގާ ވެސް ޖެހިދާނެ. މި ވަގުތު ޓެންޒޭނިއާގެ ހުރިހާ ރައްޔިތުން ވެސް ތިބެން ޖެހޭނީ އެކަތިގަނޑަކަށް ވެގެން،" ނައިބް ރައީސް ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރައްވަނީ ކޮންމެ ބޭފުޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ރައީސް މަގުފުލީއާ ބެހޭ ގޮތުން ވާހަކަތައް ފެތުރި މީހުން ހައްޔަރުކޮށްފައި ވަނީ ޓެންޒޭނިއާގެ އެކި ހިސާބުތަކުންނެވެ.

ޓެންޒޭނިއާގެ އިދިކޮޅު ލީޑަރު ޓަންޑޫ ލިއްސޫ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ރައީސް މަގުފުލީ އަށް ކޮވިޑް ޖެހިގެން ކެންޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މަގުފުލީ އަށް ހާޓްއެޓޭކެއް ޖެހި ހާލު ސީރިއަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރުމަތީ އެފްރިކާގެ ގައުމުގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ކަންކަން ގެންދާ ގޮތާ މެދު މަގުފުލީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޓެންޒޭނިއާ އިން ކޮވިޑުގެ ޑޭޓާ ވެސް އާއްމުކޮށްފައެއް ނުވެ އެވެ. އަދި ކޮވިޑް ވެކްސިން ގަންނަން ވެސް އެ ގައުމުން ވަނީ ދެކޮޅު ހަދައިފަ އެވެ.

މަގުފުލީ ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހަށް އޮތް ފަރުވާ އަކީ ދުއާކުރުމާއި ފަތްޕިލާވެލިން އާވި އެރުވުން ކަމަށެވެ.

މި އަހަރު ކުރީކޮޅު ބޭއްވި، ޓެންޒޭނިއާ ސަރުކާރުގެ އިސް ބޭފުޅެއްގެ ޖަނާޒާގައި މަގުފުލީ ވިދާޅުވެފައި ވަނީ ޓެންޒޭނިއާ އިން މިދިޔަ އަހަރު ވަނީ ކޮވިޑް ބަލިކޮށްލާފައި ކަމަށާއި މި އަހަރު ވެސް ކޮވިޑާ ދެކޮޅަށް ކާމިޔާބު ހޯދާނެ ކަމަށެވެ.

އިދިކޮޅު ލީޑަރު ލިއްސޫ ވިދާޅުވީ ރައީސް މަގުފުލީ އުޅުއްވީ ވައިރަހުން ރައްކާތެރިވާނެ އެއްވެސް ފިޔަވަކަށް ބައްލަވައިގެން ނޫން ކަމަށެވެ. އާއްމު ތަންތަނުގައި އުޅުއްވާ އިރު މާސްކް ނޭޅުއްވުމާއި ގައިދުރުކަމެއް ނެތި ބޮޑެތި އެއްވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.