މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ދެން ފަށާނީ ހޮނިހިރުގައި
މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ދެން ފަށާނީ ހޮނިހިރުގައި

ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މެދުކަނޑާލުމަށް ފަހު، ޚާއްސަ ކެޓަގަރީގެ މީހުންނަށް ފުރަތަމަ ޑޯޒު ދޭން ދެން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު މާލެ ސަރަހައްދުގައި އާންމުކޮށް ދިނުން މިއަދަށް ވަނީ މެދުކަނޑާލައިފަ އެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ވެކްސިން ދިނުން ނޯންނާނެ ކަަމަށެވެ. އަލުން ވެކްސިން ދޭން ފަށާއިރު، ޚާއްސަ ކޮށްފައި ވަނީ ވަކި ކެޓަގަރީއެއްގެ ބައެކެވެ.

އެއީ، އުމުރުން ދުވަސްވީ މީހުން، ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެ އިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން، މާލެ އިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދޭ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށް ނިންމުމުން މިދިޔަ ހަތަރު ވަރަކަށް ދުވަހު ވެކްސިން ޖަހަން ވަރަށް ގިނަ ބަޔަކު ދިޔަ އެވެ. ޚާއްސަކޮށް އިއްޔެ އާއި އޭގެ ކުރީ ދުވަސް ފާހަގަކުރެވުނެވެ.

ރާއްޖޭގައި މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ވެކްސިން ދީފަ އެވެ. އިއްޔެ އެކަނި ވެސް 7،000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖެހި އެވެ.