އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް (ޕޯޓް) އެއް ހަދަން ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި ވެ އެވެ. އެ ތަނުގެ މާސްޓަޕްލޭން ވެސް ބޮޑު އަގު ދީފައި އޭރުގެ ސަރުކާރުން ހެދި އެވެ. އޭރު އެ މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއުގެ ދަށުން ހަދާ ބަނދަރު ވާނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރުތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ބަނދަރަކަށް ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް 1.8 މިލިއަން ކޮންޓެއިނަރު ހޭންޑަލް ކުރެވޭ 900 މީޓަރުގެ މަގަތު ފާލަމެއް ހަދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

މި ޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެކަން ފިނޭންސް މިނިސްޓްރީ އަށް އަންގަން ޖެހޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރު ކުރުމުގައި މައިގަނޑު ރޫޓެއް ކަމަށްވާއިރު މިއީ މި ޕޯޓު ހަދަން އެންމެ ރަނގަޅު ސަރަހައްދު ކަމަށެވެ. އަދި މީގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައިނަލްއަގުވާމީ ޕޯޓުތަކާއި ރާއްޖެއަށް ވާދަ ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާ ކުރާނެ އެވެ. އެގޮތުން، މި ޕޯޓާއެކު ރާއްޖޭގެ އުތުރުގައި އގްތިސާދީ ވަރުގަދަ ވިޔަފާރި ހަބެއް ގާއިމް ކުރެވޭނެ އެވެ. މިއާއެކު އެހެން ސިނާއަތްތަކަށް ފުރުސަތު ހުޅުވާލެވި ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އައިހަވަން މަޝްރޫއު ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަނޑުއޮޅިއެއް ކަމަށެވެ. ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ވިޔަފާރީގެ ދާއިރާ އިން ނެގެން އޮތް ފައިދާއެއް ނެގުން މުހިއްމު ކަމަށާއި ވިޔަފާރި އާއި އިގުތިސޯދީ ތަރައްގީގެ ވަރަށް މުހިއްމު މަޝްރޫއަކަށް އައިހަވަން ވަނީ އެހެންވެ ކަމަށް މާވަށު ދާއިރާގެ މިހާރުގެ މެމްބަރު ވިދާޅުވެފައި ވެ އެވެ