ގައުމީ ފިލްމް އެވޯޑްސް: 11 ފީޗާ ފިލްމާއި 6 ކުރު ފިލްމް ވާދަ ކުރާނެ
ގައުމީ ފިލްމް އެވޯޑްސް: 11 ފީޗާ ފިލްމާއި 6 ކުރު ފިލްމް ވާދަ ކުރާނެ

އަންނަ މަހު ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަށް 11 ފީޗާ ފިލްމާއި ހަ ކުރު ފިލްމު ވާދަކުރާ ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

އެވޯޑަށް ފިލްމުތައް ހުށަހަޅަން މިދިޔަ މަހުގެ 23 ގައި ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެންސީއޭ ހިންގެވުމާ ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ވިދާޅުވީ މި ފަހަރުގެ އެވޯޑަކީ ވެސް ވަރަށް ވާދަވެރި އެވޯޑަކަށް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެވޯޑަށް ހުށަހެޅި ފިލްމުތަކުގެ ޖަޖިން ޕްރޮސެސް ވަރަށް އަވަހަށް އެކަމަށް ހާއްސަ ޕެނަލަކުން ފަށާނެ ކަމަށެވެ.

މި އަހަރުގެ އެވޯޑް ބާއްވަނީ 2011-2013 އަށް ރިލީޒް ކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ.

1. އިނގިލި (2013): މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށް 2014 ގައި ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަކޮށް ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ. "އިނގިލި" ގެ ތަރިންނަނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި މުއާ އެވެ.

2. ސަޒާ (2011): މިއީ މަހުދީގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކުޑަފޫޅު) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ނިއުމާ މުހައްމަދު، ކޮޕީ އިއްސެ އަދި ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ.

3. މި ހަށިން ފުރާނަ ދަންދެން (2013): މިއީ ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓް ކުރި ފިލްމެކެވެ. ތަރިންނަކީ ނިއުމާ، އަލީ ސީޒަން އަދި މުހައްމަދު މަނިކެވެ.

4. ދިލަކަނި (2013): މިއީ އަނެއްކާ ވެސް މަހުދީގެ ސްކްރީންޕްލޭއަކަށް ކުޑަފޫޅު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ތަރިންގެ ތެރޭގައި ނިއުމާ، ކޮޕީ އިއްސެ، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކު އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.

5. ފަތިސްހަނދުވަރުގެ ފެށުން ތްރީޑީ (2013): މިއީ ދިވެހި ސިނަމާގެ ފުރަތަމަ ތްރީޑީ ފިލްމެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެދިސް ދިން މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފަތުމަތު ފަރީލާ އެވެ.

6. ލަވް ސްޓޯރީ (2013): މިއީ އަނެއްކާ ބިންމާގެ ވާހަކައަކަށް އަބްދުލް ފައްތާހް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ސީޒަން، ރިޝްމީ ރަމީޒް އަދި އާމިރާ އިސްމާއީލެވެ.

7. އިންސާފު (2011): މިއީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް، އެކްޓްވެސް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ފާހަގަކޮށްލެވެ އެވެ.

8. ޒަހަރު (2011): މި ފިލްމަކީ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ފޭޓަލް އެޓްރެކްޝަން" އަސްލަކަށް ބަލައިގެން ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ސީޒަން، ނިއުމާ އަދި ޝީލާ ނަޖީބެވެ.

9. ލޫދިފާ (2011): މިއީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ތަރިންގެ ތެރޭގައި ރަވީ، ކޮޕީ އިއްސެ، މަރިޔަމް އަފީފާ، އަހުމަދު އާސިމް އަދި ފާތުމަތު އާޒިފާ (އަޒޫ) ހިމެނެ އެވެ.

10. ހިތް ޔާރާ ދީފާ (2011): މިއީ ރިޝްމީ ރަމީޒާއި އަހުމަދު އަޒްމީލް (އަޒޭ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ރިޝްމީ، އަޒޭ، ނިއުމާ އަދި ސީޒަން ހިމެނެ އެވެ.

11. ކުށްވެރިޔަކީ ކާކުހޭ (2011): މިއީ މަޝްހޫރު މޭކަޕް އާޓިސްޓް ފީރޯޒް އައިސްތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ތަރިންނަކީ ރިޝްމީ، އަޒޭ އަދި އަހުމަދު ޝާހް އަލީ އެވެ.

މި ފަހަރުގެ އެވޯޑަށް ވާދަކުރަނީ ޖުމްލަ ހަ ކުރު ފިލްމެވެ. އޭގެ ތެރެއިން ފަސް ފިލްމަކީ މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސްކޮށް، އެކްޓްކޮށްފައިވާ ފިލްމުތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ "13 އަށް ވިސްނާ 2000 (2012)، ސިޔާސީ ކޯޅުން (2013) ސިޔާސީ ވެކްސިން (2011)، "ފަރިހިބެ 3 (2011) އަދި "ފަރިހިބެ 4 (2013) އެވެ.

މި ކެޓަގަރީން ދެން އެވޯޑަށް ވާދަ ކުރަނީ ޑާކް ރެއިނަށް 2012 ގައި ޗިއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ވޫޑޫ" އެވެ.

އެންސީއޭ އިން ބުނީ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް މި ފަހަރު ބާއްވާނީ ދައުލަތުގެ މީޑިއާ ޕީއެސްއެމާ ގުޅިގެން ކަމަށެވެ.

ހަފުލާ ބާއްވާނެ ތާރީހު ވެސް އެންސީއޭ އިން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު ތާރީހު އިއުލާން ކުރަން ހާއްސަ ހަފުލާއެއް ބާއްވާނެ ކަމަށް އެންސީއޭ އިން ބުންޏެވެ.